ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރުމުން ލިބުނު ގެއްލުން ބަލައި ހެދި ސާވޭގެ ރިޕޯޓަށް ޖަވާބުދާރީ ވުމަށް އެފްކޯންސް ކުންފުންޏާ ހަވާލު ކުރުމުން އެ ކުންފުނިން ސާވޭ ހަދަން ބޭނުންވާ ކަމަށް ހުށަހަޅާފައިވާ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރުއު ހިންގަމުންދާ އިންޑިއާގެ ކުންފުނި އެފްކޯންސް އިން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް ސާވޭއެއް ހަދަން ހުށަހަޅާފައިވާ ކަމަށެވެ. އެފްކޯންސް އިން އެ ގޮތަށް ހުށަހަޅާފައި ވަނީ ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް އީޕީއޭއިން ހެދި ސާވޭއަށް ފަހު ހެދި ރިޕޯޓަށް ޖަވާބު ދާރީ ވުމަށް އެ ކުންފުންޏަށް ދިން ފުރުސަތުގައި ކަމަށް ނައީމް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު އެފްކޯންސް އިން ސާވޭ ހަދަން ފުރުސަތު ދީފައިވާނެ ކަމަށާއި އެމީހުން ހަދާ ސާވޭއަށް ފަހު ޖަވާބު ދާރީ ވާން ފުރުސަތު ދީފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ. އެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތެއްގެ ތެރޭގައި އެފްކޯންސް އިން ސާވޭ ހަދައި ނިންމާނެ ކަމަށް ބެލެވޭ ކަމަށް ނައީމް ވިދާޅުވިއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް

މިދިޔަ މަހު މެދުތެރޭގައި އީޕީއޭއިން ތައްޔާރު ކުރި ރިޕޯޓަށް ޖަވާބު ދާރީ ވުމަށް އެފްކޯންސްއަށް ހުށަހަޅާފައިވާ އިރު، އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތަފްސީލެއް އީޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަރަށް ލިބުނު ގެއްލުން ހޯދުމަށް ސާވޭ ހިނގި އިރު އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުމުގެ ބައެއް ތަފްސީލް ހާމަ ކޮށްފައެވެ.

ބްރިޖްގެ މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް ފަރަށް އެރިތާ ގިނަ ދުވަސްތަކެއް ވީއިރު ޕްލެޓްފޯމް ނުނަގާ ފަރުމަތީ ރާޅާ ޖެހިޖެހި އޮތެވެ. އޭރު ޕްލެޓްފޯމް ނުނެގި ލަސްވީ އޭގެ އެއް ފައި ފަރަށް ވަދެ ތާށިވެފައި ވުމުން ކަމަށާއި ޓޯވް ކޮށްގެން ޕްލެޓްފޯމް ނަގައިފި ނަމަ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުންޏެވެ. އަދި އެ ޕްލެޓްފޯމް ނެގުމުގައި މޫސުން ތަން ނުދޭތީ ލަސްތަކެއް ވެފައިވާ ކަމަށް ވެސް މަޝްރޫއާ ހަވާލުވެ ހުރި ކުންފުނި އެފްކޯންސް އިން ބުންޏެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނެގި އިރު އެ ފަރަށް ބޮޑެތި ގެއްލުން ވެފައި ވާއިރު، ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރެވެ. ގުޅިފަޅު ހިއްކުމާއި ބްރިޖް މަސްރޫއުގެ ސަބަބުން ނޭދެވޭ އެތައް އަސަރެއް އެ ފަރަށް ފޯރަމުންދާ ކަން މީގެ ކުރިންވެސް އޮތީ ފާހަގަވެފައެވެ.

ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުން އެ ސަރަހައްދުން ޕްލެޓްފޯމް ނެގުމަށް މަސައްކަތް ކުރަނީ / ފޮޓޯ: އަހްމަދު އައިމަން

އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ޑައިވަރުން ބޭނުން ކޮށްގެން އެ ސަރަހައްދުގެ ފަރު ބަލައި ދިރާސާ ކޮށްފައެވެ. ރީފް އެސެސްމަންޓް ހެދުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޯޓީތައް އީޕީއޭއިން ހިއްސާކޮށްފައިވާ އިރު، އެ ފޮޓޯތަކުން ފެންނަނީ ފަރުގައި ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައިވާ މަންޒަރެވެ. އެތަނުން ވަޅުގަނޑެއްގެ ތެރެއަށް ޑައިވަރެއް ވަދެ ހުރި އިރު އެ ވަޅުގަނޑު އެމީހާގެ އިސްކޮޅަށް ވުރެ ފުން ކޮށް ހުރި ތަން ފެންނަން ހުއްޓެވެ.

ފަރަށް ލިބުނު ގެއްލުމުގެ ވާހަކަތައް ހިއްސާ ކުރަމުން މީގެ ކުރިން އީޕީއޭ އިން ބުނެފައި ވަނީ، ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް ހެދި އެސެސްމަންޓްތަކުން ފެންނަ ގޮތުގައި އެ ޕްލެޓްފޯމްގެ ފައިތައް ފަރުގައި ޖެހިފައި ހުރި ތަންތަނުގައި ވަޅުގަނޑުތަކެއް ހެދިފައި ވާ ކަމަށާއި ފަރުގެ އޮނިގަނޑު ވަނީ ހަލާކުވެފައި ކަމަށެވެ. މީގެ އިތުރުން ފަރުމަތީގައި އެއްޗެހި ދަމާފައި ހުރުމުންނާއި އަދި އެއްކޮޅުން އަނެއްކޮޅަށް ޕްލެޓްފޯމް ދުވެ ރާޅާ އެކީ ފަރުމަތީ ޖެހިޖެހި ގެން ވެސް ގެއްލުން ވެފައި ހުރި ކަމަށާއި މުރަކަތައް ބިނދިފައި ހުރި ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ހެދި އީއައިއޭ ރިޕޯޓުގައި ވެސް ގެއްލުންތައް ލިބޭނެ ކަމަށާއި އަދި ގެއްލުން ލިބޭނެ ސަރަހައްދުތައް ވަނީ ފާހަގަ ކޮށްފައެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާ އިރު އެ ސަރަހައްދުތަކަށް ލިބޭނެ ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށާއި އެ ސަރަހައްދުން ބޭރަށް ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދަން އީޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް ވިލިމާލެ ފަރަށް ޕްލެޓްފޯމް އަރައި އެ ފަރަށް ގެއްލުން ތަކެއް ލިބިފައިވާ އިރު، އެއީ ބްރިޖްގެ މަސައްކަތުން ގެއްލުން ވާނެ ކަމަށް އީއައިއޭގައި ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައިވާ ފަރެއް ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

މި މައްސަލައިގައި އެފްކޯންސްއަކީ އިންޑިއާ ކުންފުންޏަކަށް ވީތީ އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭނަން ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި އެ ކުންފުންޏާ މެދު ފިޔަވަޅު އަޅާނީ އީޕީއޭ އިން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.