ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށް ގެނެސްދޭ ނެޓްފްލިކްސްގެ މަގްބޫލު ސީރީޒް "އެމިލީ އިން ޕެރިސް" ގެ ތިން ވަނަ ސީޒަން އަންނަ ޑިސެމްބަރު މަހު ސްޓްރީމްކުރާ ގޮތަށް ނިންމައިފިއެވެ.

ދެހާސް ވިހި ވަނަ އަހަރު ދައްކަން ފެށި މި ސީރީޒްގެ ދެ ސީޒަނެއް މިހާރު ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ. މި ސީރީޒްގައި ދަައްކުވައިދެނީ އެމިލީ ނަމަކަށް ކިޔާ ޒުވާން އެމެރިކާ އަންހެނަކު ޕެރިސް އަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކެވެ. ލޯބީގެ ކުޅިގަނޑެއް ވެސް ފެނިގެންދާ މި ސީރީޒްގެ ޕްރޮޑިއުސަރަކީ ޑެރެން ސްޓާ އެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މި ސީރީޒް ގެ ތިން ވަނަ ބައި އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ސްޓްރީމްކުރާއިރު ސީރީޒުން ފެނިގެންދާ ތަރިންނަކީ ލިލީ ކޮލިންސް، އޭޝްލީ ޕާކް، ފިލިޕިން ލެއޮރީ، ލޫކަސް ބްރާވޯ، ސެމިއުލް އާނޯލްޑް އަދި ކަމީލް ރާޒަޓް އެވެ. "އެމިލީ އިން ޕެރިސް" ސީރީޒްއަކީ 2020 ވަނަ އަަހަރު ނެޓްފްލިކްސްގައި ރިލީޒްކުރެވުނު އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ކޮމެޑީ ސީރީޒް ވެސްމެއެވެ. ސީރީޒްގެ ޓީޒާކޮޅެއް މިހާރު އާންމުކޮށްފައިވާއިރު ބެލެވޭ ގޮތުގައި ސީރީޒްގެ ރަސްމީ ޓްރެއިލާ މި މަހު ފަހުކޮޅު ނޫނީ އަންނަ މަހު ކުރީ ކޮޅު އާންމުންނާ ހަމައަށް ގެނެސްދޭނެއެވެ.

ސީޒަން ދޭއް ނިމިގެންދިޔައީ ވަރުގަދަ ކްލިފްހެންގާއަކުންނެވެ. ކަމީލް އާއި ކެބްރިއެލް އާއި އަނެއްކާ ގުޅުނުކަން އެމިލީ އަށް އެނގި ވަޒީފާގެ މާހައުލުގައި ވަރުގަދަ ނިންމުމެއް ނަގަން ޖެހޭ ދަނޑިވަޅަކުން ފަހު އެޕިސޯޑު ނިމިގެންދިޔައެވެ. ޝައުގުވެރި ގިނަ ކަންތައްތަކެއް މި ފަހަރުގެ ސީޒަނުން ފެނިގެންދާނެ އިރު މި ފަހަރުގެ ސީޒަންގައި ޖުމްލަ 10 އެޕިސޯޑެވެ.