ރޭ ވެލިދޫގައި ހިނގި މާރާމާރީގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި މާލެ ގެނެސްފިއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން "ދަ ޕްރެސް" އަށް ވިދާޅުވީ އެ މާރާމާރީ ހިނގި ސީދާ ސަބަބު ސާފު ނުވާ ކަމަށާއި މާރާމާރީ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އެ ހާދިސާގައި 19 އަހަރުގެ ޒުވާނަކަށް އަނިޔާ ލިބިފައިވާ ކަމަށާއި އޭނާގެ ބުރަކައްޓަށް ކޮންމެވެސް ހިސާބަކަށް އެއްޗެއް ހަރާފަ ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ވެލިދޫގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް ރޭ 12:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މާރާމާރީގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ވެލިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން ކަމަށެވެ.

މާރާމާރީއާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާއިރު މައްސަލަ ދަނީ ފުލުހުން ތަހުގީގުކުރަމުންނެވެ.