ޓްވިޓާ ކުންފުނި 44 ބިލިއަން ޑޮލަރަށް ގަންނަން ބިލިއަނާރު އެލޮން މަސްކް ކުރިންވެސް ހުށަހެޅި އަގަށް އެކަން ނިންމަން އޭނާ އެއްބަސްވާން ތައްޔާރުކަން ހާމަ ކޮށްފިއެވެ.

ޓްވިޓާ ގަތުމަށް މަސްކް މީގެ ކުރިން 44 ބިލިއަން ހުށަހެޅުމަށް ފަހު، ޓްވިޓާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމާ ގުޅިގެން އެ މުއާމަލާތް މަޑު ޖެހިފައި އޮތުމަށް ފަހު، އެ އަގަށް މަސްކް ލައްވާ ގަންނަން ޓްވިޓާއިން މިހާރު ވަނީ ކޯޓަށް ގޮސްފައެވެ.

ހަބަރުތައް ބުނާގޮތުން، ކޯޓުން ބޭރުން، އޭނާ ކުރިންވެސް ހުށަހެޅި އަގަށް ގަންނަން މިހާރު އެއްބަސް ވާކަމަށް ބުނެއެވެ.

މަސްކް ކުރިން 44 ބިލިއަން ހުށަހެޅުމަށް ފަހު، ޓްވިޓާއިން މަސްކް އަށް ތަފާސްހިސާބު އޮޅުވާލި ކަމަށް ތުހުމަތުކޮށް އޭނާ ވަނީ ޓްވިޓާ އެ އަގަށް ގަތުން އެކަށީގެން ނުޥާކަމަށް ބުނެ ކުރިން ވާހަކަ ދައްކާފައެވެ. އަދި ޓްވިޓާގައި ފޭކް އެކައުންޓްތާއި ބޮޓްތައް ގިނަކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސްޕޭސް ޓެކްނޮލޮޖީ އާއި، އިލެކްތްނޯކް ވެހިކަލް، ރޮބޮޓް އަދި ހެވީ މެޝިނަރީޒްގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާ، ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ މަގާމުގައި ހުރި ޓެސްލާގެ ސީއީއޯ މަސްކް ޓްވިޓާ ގަންނަން ހުށަހެޅުމާއެކު ހިއްސާގެ ބާޒާރުގައި 12 ޕަސެންޓުގެ ކުރިއެރުމެއް ލިބި އާމްދަނީ 47 ބިލިއަން ޑޮލަރަށް އަރައިގެން ދިޔައެވެ. އަދި ޓެސްލާގެ ހިއްސާގެ އަގު 2.2 ޕަސެންޓަށް އުފުލުނެވެ. ޓްވިޓާގެ މުއާމަލާތް އަދިވެސް ނިމިފައި ނުވާ އިރު، މިހާރު ހިއްސާގެ ބާޒާރުގައި ޓްވިޓާގެ އަގު ވަނީ 52 ބިލިއަން ޑޮލަރަށް އަރާފައެވެ.

މަސްކް އާ ދެކޮޅަށް ޓްވިޓާއިން ކުރާ ދައުވާގެ އަޑުއެހުން މި އޮކްޓޯބަރު 16 އަށް ތާވަލް ކޮށްފައި ވަނިކޮށް، ކުރިން ހުށަހެޅި އަގަށް ގަންނަން އޭނާ ނިންމުމުން، ކޯޓު މަރުހަލާއަށް ނުގޮސް މުއާމަލާތް ނިމެނެ ކަމަށް ބެލެވެއެވެ. އަދި ކޯޓު މަރުހަލާއަށް ދިޔަ ނަމަވެސް، އޭނާ ހުށަހެޅި އަގަށް ޓްވިޓާ ގަންނަން މަޖުބޫރުވާނެ ކަމަށާއި، ޓްވިޓާ އާ ދެކޮޅަށް މަސްކް ދެއްކި ވާހަކަތައް ސާބިތު ކޮށް ނުދެވޭނެ ކަމަށް މުރާސިލުން ބުނެއެވެ.