އަމީނިމަގު ހެދުމުގެ ބޭނުމަށް އެ މަގުގައި އިންދާފައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރާ ގުޅިގެން، މާދަމާ މެންދުރުފަހު އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފިއެވެ.

ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތުން، އެ އަޑުއެހުން އޮންނަނީ މާދަމާ މެންދުރުފަހު 2 ޖަހާއިރެވެ.

ގަސް ކަނޑާ މައްސަލައިގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ހުށަހެޅީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ. އެ މައްސަލައިގައި ނަޝީދުގެ ފަރާތްޕުޅުން ވަނީ އާރުޑީސީ އާއި ޕްލޭނިން މިނިސްޓްރީ އާ ދެކޮޅަށް ދައުވާ އުފުލައިފައެވެ

އެ ލޯ ފާމުން މީގެ ހަފްތާ އެއް ކުރިން ބުނީ، ގަސް ކެނޑުމަކީ ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމަކަށް ވާނެތީ އަމީނީމަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

މަޖިލިހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު މީގެ ކުރިން ވިދާޅުވި ގޮތުގައި، އަމީނީމަގުގައި ހުރި ގަސްތައް ކަނޑާލުމާ މެދު ދެވަނަ ވިސްނުމަކަށް ސަރުކާރުން ނުގޮސްފިނަމަ، ޝަރީއަތަށް ދިއުން ނޫން ގޮތެއް ނެތެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގަސްތައް ހެދި ބޮޑުވުމަށް 15 ނުވަތަ 20 އަހަރު ނަގާނެ ކަމަށެވެ.

ހަމަ އެއާއެކު، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ގުދުރަތީ ދިރުންތަކުގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށާއި، ގަސްގަހާއި، މަސްމަހާއި، ދޫނިސޫފާސޫފި ފަދަ ތަކެތި ނައްތާ ލުމުގެ ބަދަލުގައި ދެވަނަ ވިސްނުމަކަށް ގޮސް އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވިދާޅުވިއެވެ.

އަމީނީމަގުގައި ގަސްތައް ނަގާތީ އާންމުން ފާޑުކިޔާފައިވާއިރު، އެ ފާޑުކިޔުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އާރުޑީސީން އޭރު ބުނި ގޮތުގައި، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށެވެ.

ނަޝީދުގެ އިތުރުން އެހެން ބައެއް ފަރާތްތަކުން ވެސް ގަހުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އަމީނީމަގުގައި ހުރި އޮފިއެލޭ ގަސްތަކަކީ، އެ ގަސްތަކުގެ މުލާ ހެދި މިހާރުވެސް މަގު ހަލާކުވަމުން ދާ ވައްތަރުގެ ގަސްތަކެކެވެ. އެ ގަސްތައް ބަހައްޓައިގެން ތާރު އަޅައިގެން މަގު ހެދިޔަސް ލަސްތަނެއް ނުވެ މަގު ފަޅަފަޅައިގެން ދާނެ ކަމަށް މާހިރުން ބުނެއެވެ.