ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގައި 19 މީހަކަށް މައްޗަށް ދައުވާ އުފުލާފައިވަނީ އިންޑިއާއިން ބުނެގެން ހަގީގަތް އޮޅުވައިލަން ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 21 ގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ޝައިޚް ފަޒްލޫން ބިން މުހައްމަދާއި ޝައިޚް އާދަމް ނިޝާން، އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނޭހެން 19 މީހެއްގެ މައްޗަށް މިއަދު ވަނީ ދައުވާކޮށްފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވެފައި ނުވާ އެކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއިލަށް ދައުވާ އުފުލުން ބަލައި ނުގަންނަ ކަމަށެވެ.

އެ ހާދިސާއާ ގުޅުވާ ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.

ޕީޕީއެމް އިން ބުނީ، އެދުވަހު ގަލޮޅު ބޯޅަ ދަނޑުގެ ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެމައްސަލާގައި ފުލުހުންގެ އިހުމާލެއްވާކަމަށާއި، އެމައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ބުނިނަމަވެސް، އެމައްސަލަ ނުބަލާ، ކަމަށް ބައިވެރިނުވާ އެތައް ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި މެންބަރު މުހައްމަދު އިސްމާއީލް ހިމެނިފައިވީނަމަވެސް އޭނާ ގަލޮޅު ދަނޑަށް އެދުވަހު ވަދެފައި ނުވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ. އަދި އޭނާއަކީ އެ ހަމަނުޖެހުން ހިންގި އިރު އެތާ ހުރި މީހެއްވެސް ނޫން ކަމަށާއި އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޕީޕީއެމް އިން ވަނީ އަދި ނިންމުން އަނބުރާ ގެނައުމަށް ގޮވާލާ، އެ ހަމަނުޖެހުމަކީ އިންޑިއާ ސަރުކާރުން ލަފާދީފައިވާ ގޮތަށް އިންޑިއާގެ ައަސްކަރީއާއަށް މިގައުމުގައި ގާއިމުވެ ތިބުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން ހިންގި އަމަލެއްކަމަށް ބެލެވޭ އެތައް ކަމެއް އެދުވަހު ހިނގާފައިވާ ކަން ފާހަގަކޮށްފައެވެ.

އެ ހޮތުން ސަރުކާރުން ފޮނުވާފައިވާ ބަޔަކު އިސްވެ ތިބެ ދަނޑުތެރެއަށް ވަދެގަތުމާއި ދަނޑަށް ވަންނަ ދިމާކުރި ސަރުކާރުގެ މަންދޫބުންނަށް ފުލުހުން އެފުރުސަތު ދީފައިވާކަމީ ފެންނަން ހުރި ހަގީގަތެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ޕީޕީއެމް އިން އިތުރަށް ބުނީ، އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ފުލުހުން ފުރުސަތު ފިނުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއުތިރާފްވެފައިވާކަން ފާހަގަވެފައިވާ ކަމަށާއި ރާއްޖެއަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއްކަން ދެއްކުމަކީވެސް ސަރުކާރުން ބޭނުންވިކަމެއް ކަމަށް ދެކެވޭ ކަމަށެވެ.

ހަމައެއާއެކު ޕްރޮޖެކްޓްތައް އަވަސްކުރުމުގެ ނަމުގައި އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން ދުވަސްވަރާ ދިމާކޮށް ޕްރިސެކިއުޓަ ޖެނެރަލް މިފަދަ ދައުވާއެއް ކުރަން ފޮނުވުމަކީ އިއްތިފާގެއް ނޫންކަމަށް ވެސް ދެކޭ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

އިންޑިއާ ރުއްސުމަށް އިންޑިއާއިން އަންގާ ގޮތަށް ސަރުކާރުން ކުރާ ކަންކަމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަމަށް ވާއިރު، އިންޑިއާގެ އެމްބަސީންނާއި އިންޑިއާ ސަރުކާރުން އަންގާ ގޮތަށް ދިވެހި ރައްޔިތުން ނިކަމެތި ނުކުރުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.