ޝީއީންގެ މެޖޯރިޓީ އޮންނަ އީރާނުގައި ހެދުން އެޅި ގޮތް ގޯސްވެގެން ބަންދު ކުރި ޒުވާން އަންހެނެއް ކަމަށް ވާ މާޝާ އަމީނީ 22އ ގެ މަރާ އެކު އީރާނުގެ އެތެރޭގެ އިތުރުން ދުނިޔޭގެ އެތަން މިތާނގައި މުޒާހަރާތައް ކުރަމުން އެބަދެއެވެ.
ހަބަރުތައް ބުނާ ގޮތުން، އީރާނުގެ އެތެރޭގެ 34 ސިޓީއެއްގައި މުޒާހަރާ ކުރާތާ 3 ހަފްތާ ވެފައި ވާ އިރު، ފުލުހުންނާ ކުރިމަތި ލުމުގެ ސަބަބުން މިހާތަނަށް 90 މީހަކު މަރުވެފައިވެސް ވެއެވެ.
އެކި ސަރަހައްދުތަކަށް އެތައްހާސް ބަޔަކު ނުކުމެ މުޒާހަރާތައް ކުރަމުން ދާއިރު، ހަމަނުޖެހުން ހިންގައި، އެއްޗެހީގައި ރޯކޮށް ތަންތަން ތަޅާ ހަދަމުން އެބަދެއެވެ.
އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގަމުން ދާ ކުރިމަތިލުންތައް ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ. ފުލުހުން އާންމުން މައިތިރި ކުރަން ކަރުނަ ގޭހާއި، ރަބަރު ވަޒަންވެސް ބޭނުން ކުރަމުން ދާ ކަމަށް ހަބަރު ލިބެއެވެ.
މުޒާހަރާގެ ބައިވެރިން ވެހިކަލްތަކުގައި ރޯކޮށް ބައެއް ތަންތަނަށް ގެއްލުން ދެމުން ދާ އިރު، ވެރިރަށް ތެހެރާން، އިސްފަހާން، މަޝްހަދް، ރަޝްތް އަދި ސާކީޒް ގައި ކުރާ މުޒާހަރާ ތަކުގައި ބައިވެރިވާ މީހުންގެ އަދަދު ގިނައެވެ.
މާޝާ އަމީނީ މަރުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު، ދުނިޔޭގެ އެތަން މިތާނގައިވެސް މުޒާހަރާތައް ދަނީ ކުރަމުންނެވެ. އެ ގޮތުން ލަންޑަން، ފްރާންސް، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ސްވިޑްން، ބްރަސަލްސް، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ސްޕެއިން، ޕޮލަންޑް، އޮސްޓްރިއާ ފަދަ ގައުމުތަކާއި އެމެރިކާގެ އެކި އެކި ސިޓީތަކުގައި ހިނގަމުން އެބަދެއެވެ.
މި ގައުމުތަކުގައި ކުރިއަށް ދާ މުޒާހަރާތަކުގެ ތެރެއިން ގިނަ ސިޓީތަކުގައި އާންމުން އެއްވަމުން ދަނީ އެ ގައުމުތަކުގައި ހުންނަ އީރާން އެމްބަސީގެ ސަރަހައްދަށެވެ. އެމީހުން އީރާނުގެ ރޫހީ ލިޑަރު އަލީ ހާމަނާއީ އަށް އަމާޒުކޮށް "ޑެތް ޓް ޑިކްޓޭޓާ"، "ވްމެން، ލިފް، ލިބަޓީ" ފަދަ އިބާރާތްތައް ލިޔެފައިވާ ބޯޑުތަކާއި ބެނާތައް ދަނީ އުފުލަމުންނެވެ.
އީރާނުގެ މޯރަލިޓީ ފުލުހުން (ގާނޫނުތަކާ އެއްގޮތަށް އާންމު އުސޫލުތަކަށް އަމަލު ކުރެވޭތޯ ބަލަންތިބޭ ފުލުސް ފޯސް) ހައްޔަރު ކުރި މާޝާ އަމީނީ 22އ އަކީ، ކުރުދިސްތާންގެ ޝާކީޒް އަށް ނިސްބަތްވާ އަންހެނެކެވެ. އޭނާގެ އާއިލާގެ މެންބަރުންނާއެކު ތެހެރާން ގައި އުޅެނިކޮށް މޯރަލިޓީ ފުލުހުން އޭނާ އާއި އިތުރު އަންހެނުންތަކެއް ހައްޔަރު ކުރިއެވެ. އެ އެންމެނާއެކު އަމީނީވެސް ބަންދުގައި އިންދާ، މަރުވީ ހައްޔަރު ކުރިތާ 3 ވަނަ ދުވަހު ކޯމާއެއްގައި އޮވެއެވެ.
އޭނާގެ މަރާ ގުޅިގެން އޮފިޝަލުން ބުނެފައި ވަނީ އޭނާ މަރުވީ މެއަށް ތަދެއް އަރައިގެން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އަމީނީގެ އާއިލާއިން އެކަން ދޮގުކުރަމުން އޭނާއަށް ފުލުހުން އަނިޔާ ކުރީ ކަމަށް ބުނުމާއެކު އާންމުންގެ ރުޅިވެރިކަން ކޮޅުންލައި މުޒާހަރާތައް ފެށީއެވެ. މިއާއެކު، އަމީނީ މަރުވި މައްސަލަ އީރާނުގެ ގާނޫނު ހަދާ މަޖިލީހަށްވެސް ގެންދާނެ ކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ވަނީ ބުނެފައެވެ.
އަމީނީގެ މަރާ ގުޅިގެން ނުތަނަވަސްވެފައި ވާ އީރާނުގެ މަސްރަހަށް ދުނިޔޭގެ ސަމާލުކަން އެނބުރިފައި ވާ މިދަނޑިވަޅުގައި އެމެރިކާއިން ވަނީ، މައުލޫމާތު ފަތުރާ، ހާމަ ކުރުމުގައި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީ ވީޑިއޯ މެދުވެރިކޮށް ކޮންފަރެންސް ކޯލްތައް ހަދާ، ހަމަނުޖެހުންތަކާ ގުޅޭ ފޮޓޯއާއި މައުލޫމާތު ދުނިޔޭގެ އެތަން މިތަނަށް ފޮނުވޭނެ ގޮތް ހަދައި ދީފައެވެ.
އީރާނުގައި އުޅޭ އިރު، ބޯ ނިވާވާ ގޮތަށް އަންހެނުން ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ލާން ޖެހެނީވެސް ގަޔަށް ދޫ ހެދުމެކެވެ. ނަމަވެސް އީރާނުގެ ބައެއް އަންހެނުން ނިތްކުރިމަތިން އިސްތަށިގަނޑު ފެންނަ ގޮތަށް ހެނދުން އަޅާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އަދި މަގުމަތިން ބައެއް އާންމު ފިރިހެނުން، އެފަދަ އަންހެނުންނަށް ހަމަލާ ދީ ވެސް ހަދައެވެ.