އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެ ކަމަކީ ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ މަރުކަޒުތަކަށް ސަރުކާރުން އައްޔަން ކޮށްފައިވާ އިސް ފަރާތްތަކާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މުޅި ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ހާއްސަ އިސްކަމެއް ދެއްވާނެކަމަށާއި ސަރުކާރުން މިހާރުވެސް ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސިއްހީ މަރުކަޒުތަކުގެ އިސްވެރިން ވަނީ މި ދައުރުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑް ކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ހިދުމަތާއި ބޭސް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ހިދުމަތްތަކާއި ވަސީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް ވަނީ ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރަން ކަނޑައަޅާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުހަލާތަކުގައި ހުރި ސިއްހީ ދާއިރާގެ ބައެއް މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އަރުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މި ސަރުކާރުން ދެމުން ގެންދާ ކަން ފާހަގަކުރެއްވިއެވެ.