ގެއްލިގެން ހޯދަމުންދާ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ނަމަވެސް މިހާތަނަށް އޭނާގެ ފޯން ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ ވޯޓާ ތީމް ޕާކް ސަރަހައްދުން ކަމަށެވެ. އެ ހަށިގަނޑު ފެނުނީ ކުނި ވަސް ދުވައިގެން ނޫން ކަމަށާއި އެތަން ބެލީ މި މައްސަލައިގައި ކުރަމުން ދިޔަ ތަހުގީގުގައި ސީސީޓީވީ ފުޓޭޖުން ފެނުނު މައުލޫމާތުތަކާ ގުޅިގެން ކަމަށެވެ.

ހަށިނގަޑު އޮތީ ހައިލީ ޑީކޮމްޕޯސްޑް (ކުނިވެފައި) ސްޓޭޖެއްގައި ކަމަށް ފުލުހުން ބުނެއެވެ. އަދި މިވަގުތު އެ ހަށިގަނޑަށް ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި ވަރަށް އަވަހަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް އެ ހަށިގަނޑު ފެނުނު ނަމަވެސް އަދި އޭނާގެ ފޯން ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހަވީރު 5:45 ގައި އެ ހަށިގަނޑު އެ ސަރަހައްދުން ފެނިފައިވާ އިރު، އެ ސަރަހައްދު ފުލުހުން ބަލާފައި ވަނީ ވެސް މިއަދު ކަމަށް ފުލުހުން ބުނެއެވެ.

މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 ޖެހި އިރުނ ފެށިގެން އަޒުހާންގެ ހަބަރެއް ނުވެގެން 19 ވަނަ ދުވަހުގެ ރޭ 7 ޖަހާ އިރު އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

އަޒުހާން ހޯދުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް އާންމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އަޒުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސްއިން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް އެ ޓަވަރަށް އަރާފައެވެ. އަދި ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އެނބުރި ގޮސްފައެވެ.