ޝަރަފުވެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ މުސާރައެއް ލިބޭ ވަޒީފާ ޒުވާނުންނަށް ހަމަޖައްސަދޭނެ ކަމަށް ކުރީގެ ރައީސް އަބްދު ﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރޭ ދ. ކުޑަހުވަދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ދެން ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭގެތެރެއިން އެންމެ އިސްކަމެއް ދެނީ ޒުވާނުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައިދިނުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެގޮތުން ޒުވާނުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޒުވާނުންނަށް ޝަރަފުވެރި ދިރިއުޅުމެއް އުޅެވޭވަރުގެ މުސާރައެއް ލިބޭ ވަޒީފާ ހަމަޖައްސަދޭނެ ކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އުމުރުން 18 އަހަރު ފުރުނު 47،000 އެއްހާ ޒުވާނުންނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ ކަމަށާއި ޒުވާނުންގެ ބޭނުންތައް ފުއްދައިދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށެވެ.

ޔާމީން ވިދާޅުވީ ޒުވާނުންގެ ކަންކަން ހަމަޖެހިގެންދާނަމަ އެއީ މައިންބަފައިންނަށް ވެސް ކަންތައްތަކެއް ހަމަޖެހިގެންދިޔައީ ކަމަށެވެ.