އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ބިމުން ފެންނަގައި ފެން ބޭރުކުރާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވަނިކޮށް ހުއްދަ ނުހޯދާ އެފަދަ އަމަލުތައް ހިންގާނަމަ ބޮޑެތި އަދަދުން ޖޫރިމަނާކުރާނެ ކަމަށްބުނެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު އިންޒާރެއްދީފިއެވެ.
އެ އޮތޯރިޓީއިން އެފަދަ އިންޒާރެއްދީފައިވަނީ ގަވައިދާ ހިލާފަށް ކަމަށްބުނެ ބިމުން ފެން ނަގައި ފެން ބޭރުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯސަލް މީޑިއާގައި ދައުރުވަމުން އަންނަނިކޮށެވެ. މާލޭގައި ކުރާ ސިނާއީ މަސައްކަތްތަކުގައި އާންމުކޮށް ފެން ބޭރު ކުރަނީ ހޮޅި އަޅައިގެން މޫދަށް ކަމުގައިވީ ނަމަވެސް އެ ވީޑީއޯއިން ފެންނަނީ ފެން ކާނުތަކުގެ ތެރެއަށް ދޫކޮށްލާފައިވާ މަންޒަރެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނީ އިމާރާތްކުރުމާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ގަވާއިދާ ހިލާފަށް އެ އޮތޯރިޓީގެ ހުއްދަ ނުނަގައި ބިމުން ފެންނަގައި ފެންބޭރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ހުއްދައާއި ނުލައި ބިމުން ފެންނަގައި ފެންބޭރުކުރާ ކޮންމެ ދުވަހަކަށް 40،000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށެވެ.
ހުއްދައާއި ނުލައި ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވަނިކޮށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނަމަ ހުއްދަ ދެވޭނީ ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކުރެވޭނީ ހުއްދައާއި ނުލައި މަސައްކަތްކޮށްފައިވާ މުއްދަތަށްވާ ޖޫރިމަނާގެ ޖުމްލަ ފައިސާ އެ އިދާރާއިން ދެއްކުމުން ކަމަށާއި އެ ފެން ނަގައި އަޅަމުންދަނީ އިމާރާތްކުރާ ސަރަޙައްދުގެ ތެރެއަށް ކަމުގައިވީނަމަވެސް ބެލެވޭނީ ބިމުން ފެންނަގައި ފެން ބޭރުކުރާ ކަމުގައި ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނެއެވެ.
އެފަދަ ކަމެއް ކުރުމަށް އެހީތެރިވުމަކީ މަނާކަމެއް ކަމަށާއި އެ އޮތޯރިޓީގެ ހުއްދަޔާނުލައި ބިމުން ފެންނަގައި ފެން ބޭރުކުރާ ފަރާތަކަށް އެކަންކުރުމަށް މަގުމަތީ ހޮޅިއެޅުމުގެ ހުއްދައާއި ބިމުން ފެންނަގައި ފެން ބޭރުކުރާއިރު އެފެން ބޭރުކުރުމަށް ރަށުގެ ސަރަހައްދެއް ކަނޑައަޅައި އެތަނަކަށް ފެން ބޭރުކުރުމުގެ ހުއްދަދޭ ފަރާތެއް ބެލެވޭނީ ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތައް އެހީތެރިވާ ފަރާތެއްގެ ގޮތުގައިވެސް ވަނީ ފާހަގަކޮށްފައެވެ.
އެ އޮތޯރިޓީއިން ބުނީ ބިމުން ފެންނަގައި ފެން ބޭރުކުރުމުގައި އެ އޮތޯރިޓީން ތަންފީޒުކުރަމުންދާ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާއި އެކަމަށް ވާގިވެރިވާ ފަރާތްތައް 5000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.
އެފަދަ މައްސަލަ ބަލައި ވަކި ފަރާތެއް ތަފާތުކުރުމެއްނެތި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންގެންދާނެކަން ކަމަށާޢި އިމާރާތްކުރުމާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ގަވާއިދާ ހިލާފަށް އެ މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާނަމަ އެ މައުލޫމާތު އެ އޮތޯރިޓީ އާ ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.