ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ނަގާފައިވާ މީހުންގެ ދަފްތަރު އެކުލަވާލުމަށް އެފަދަ މަސައްކަތްކުރާ މީހުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށައަޅަން އެދިއްޖެއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކުން، ދަފްތަރުވުމަށް އެކަމަށް ހާއްސަ ފޯމު، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި މި ފޯމު، ޔޫޓިލިޓީ އޮތޯރިޓީގެ ވެބްސައިޓުން ވެސް ލިބޭނެކަމަށް އެއޮތޯރިޓީން ބުނެއެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ، ކަރަންޓު މަސައްކަތް ނުކުރާ ފަރާތްތަކެއް ކަމަށް ނިންމާނެ ކަމަށާއި އެގޮތުން މިއަހަރުގެ މާޗް މަހުގެ 15 ކުރިން ނަގާފައިވާ ހުރިހާ ލައިސަންސެއް ބާތިލް ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެއޮތޯރިޓީން ބުނީ، ކަރަންޓު މަސައްކަތްކުރާ މީހުންގެ އައު ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން، ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން، މިހާރުވެސް ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ ވަނަވަރު އެއްކޮށް، މުޢާމަލާތް ކުރެވޭނެ ގޮތުގެ މަޢުލޫމާތު އާ ކުރުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި އުފައްދަވާފައިވާ އިދާރާއެކެވެ.