ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށްޓަކައި، ރާއްޖޭގައި ގާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކުން ނަގަމުންދާ ފީ މުރާޖައާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތައް ތައާރަފު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ނިންމަވާފައެވެ. މި ސިޔާސަތުތައް ތައާ ރަފުކުރުމަށް ނިންމަވާފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މިގޮތުން، ރާއްޖޭގައި ގާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކުން ނަގަމުންދާ ފީ މުރާޖާކޮށް، މިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފެންނަގޮތް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއިން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުރު ރާސްތާ އަދި މެދު ރާސްތާ ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރާނެ ސަރަހައްދުތަކެއް، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްއިން ކަނޑައެޅުއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ވަނީ ނިނާމާފައެވެ. އަދި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެންނަ މޮޑެލް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕްބްލިކް ލިމިޓެޑް (އެސްޓީއޯ) އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.