ރަމަޟާން މަހުގެ ފެނާއި ކަރަންޓު ހިދުމަތް އާންމު މަހަކާއި އެއްވަރަށް ބިލް ކުރަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ނިންމައިފިއެވެ.

ރަމަޟާން މަހުގެ ފެނާއި ކަރަންޓަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭކަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ވަނީ ފާހަގަކޮށްފައެވެ.

ފެނާއި ކަރަންޓު އާންމު މަހަކާއި އެއްވަރަށް ކެޕް ކުރަން ނިންމާފައިވާއިރު އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި މިދިޔަ އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައި ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނެއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނީ ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާއިރު މި އަހަރުގެ މާޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު އަދި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމެނުމަށް ހުރިހާ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އެ އޮތޯރިޓީން އަންގާފައިވާނެ ކަމަށެވެ.

ރަމަޟާން މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.