ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އިމަޖެންސީ ސިއްހީ ހިދުމަތްދޭ ޔުނިޓެއް ހުޅުވައިފިއެވެ.

މި ޔުނިޓް ހުޅުއްވައިދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރްއެވެ. އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

އެ މަޝްރޫއު ހިންގާފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 106 މިލިއަން ރުފިޔާ ހިލޭ އެހީގެ ތެރެއިން ކަމަށްވާއިރު ހެލްތް މިނިސްޓްރީން ބުނީ މިއީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ހިންގި މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއަކީ އިންޑިޔާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަމުގެ ރަމްޒެއް ހެލްތް މިނިސްޓްރީއިން ސިފަކުރެއެވެ.

ދެ ފަންގި ފިލާއަކަށް ހަދާފައިވާ އެ ޔުނިޓުގައި އަވަސް ފަރުވާދިނުމަށް ހާއްސަ ވޯޑަކާއެކު އިމަޖެންސީ ހާލަތުގައި ފަރުވާދިނުމަށް 10 އެނދެއް ވަނީ ބެހެއްޓިފައެވެ. އަދި ބަލިމީހުން ބަލާނެ ކޮޓަރިއަކާއި ނާސިން ސްޓޭޝަނެއްވެސް އެތަނުގައި ވަނީ ގާއިމުކޮށްފައެވެ.

އޭގެއިތުރުންވެސް އެތަނުގައި 2 މީޓީން ރޫމްވެސް ވެސް ގާއިމުކޮށްފައެވެ.