މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބ. ދަރަވަންދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، ދަރަވަންދޫގައި މި ހިދުމަތް ފެށުމާއެކު ބ. އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ބަދަލާއެކު، ބ. އަތޮޅުގެ ރައްޔިތުން ޕާސްޕޯޓަށް އެދި "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޕާސްޕޯޓާ ހަވާލުވުމަށް ނުވަތަ "ކަލެކްޝަން ޕޮއިންޓް" އެއްގެ ގޮތުގައި އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް މިހާރު އިޚުތިޔާރު ކުރެވޭނެއެވެ.

ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދުގެ ދަށުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ ވައުދު ވަނީ ފުއްދާފައެވެ. އިމިގްރޭޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ ހިދުމަތް ހޯދާ މީހުންގެ އަދަދަށް ބަލައި، އިތުރު ރަށްރަށުގައި ވެސް މި ހިދުމަތް ގާއިމުކުރުމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ހިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ނުހަނު ބޮޑު އިސްކަމެއް ދެމުންނެވެ. މީގެ ކުރިން ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން ބޮޑު ހޭދައެއްކޮށް މާލެއަށް ކުރަންޖެހުނު ދަތުރުތަކަށް މި ބަދަލާއެކު ނިމުމެއް އަންނާނެއެވެ.