ބ. ދަރަވަންދޫ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ނުވާކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ނަމަ އެންމެ ފުރަތަމަ އެކަމާ ގުޅޭ މަޝްވަރާތައް އެ ރަށު ކައުންސިލާ އެކު ކުރާނެކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައިވެސް އެ ރަށުގެ ބިން ހިއްކުމުގެ މަޝްވަރާއެއްވެސް، އަދި ހުއްދަ ލިބިފައިވާ އެ ފަދަ ޕްރޮޖެކްޓެއްވެސް އަދި އެއްބަސްވުމެއްވެސް ނެތްކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރަން ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މި ވަގުތަށް ރާވާފައި ނުވާކަމަށެވެ. އަދި އެ އެއާޕޯޓާ ގުޅޭގޮތުން މި ވަގުތު އެންމެ އިސްކަމެއް ދެނީ އެ ތަނުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ފުރިހަމަ ކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދުތަކަކީ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ރަނގަޅު ކުރުމާ، އެއާޕޯޓް ހިންގުމުގެ ދުވެލި ހަލުވިކުރުމާ އަދި ހިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން މިހާރު ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރަންވޭ ބޮޑުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނުވަތަ އެފަދަ ކަމަކަށް ހުއްދަ ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމުގައއި މިނިސްޓަރު ވިދާޅުވިއެވެ.