ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި މި ޖަނާޒާގައި ޝާހިދުގެ އަރިހުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ހަލީލާއި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގަސަން ޞާބިރު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މި ޖަނާޒާގައި ގައުމުތަކުގެ ލީޑަރުންނާއި އެކި ގައުމުތަކުގެ އިއްޒަތްތެރިން ވެސް ގިނަ އަދަދަކަށް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ އޮތީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުންނެވެ.