ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދު މިއަދު ފުރާވަޑައިގެންފިއެވެ.

ޝާހިދުގެ އަރިހުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއް ވެސް މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ފުރާވަޑައިގަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.

މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.