ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އިންޑިއާއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އިންޑިއާއަށް މިނިވަންކަން ލިބުނުތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވުމުން ދެއްކެވި ވާހަކައިގައެވެ.

ޝާހިދު ވިދާޅުވީ، ގައުމީ ތަޖުރިބާއިން ބަލާއިރު، ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ބަލިމަޑުކަމުން އަރައިގަތުމަށާއި، ވެކްސިން ހޯދުމުގައާއި، އިގްތިސާދީ ކުރިއެރުމާއި، އިގްތިސާދު ރަނގަޅުކުރުމުގައި، އިންޑިއާއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

މިގޮތުން ކޮވިޑް ބަލިމަޑުކަމުގެ އެންމެ އުނދަގޫ ދުވަސްތަކުގައި ވެސް، އަމިއްލައަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއެކު ވެސް، އިންޑިއާއިން ވަނީ ރާއްޖެއާއި ދުނިޔޭގެ ދެކުނުގެ ގިނަ ސަރަހައްދުތަކަށް އެހީތެރިވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް، ހާއްސަކޮށް މިކަމުގައި އަމަލީގޮތުން އެއްބާރުލުންދީ އިންޑިޔާއިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށެވެ. އަދި ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ގެ ހިދުމަތް ގާއިމްކުރުމުގައި އިންޑިއާއިން ރާއްޖެއާއި އެކު އެއްބައިވެފައިކަން ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ގެ ޚިދުމަތް ޤާއިމްކުރުމުގައި އިންޑިއާއިން ވަނީ ރާއްޖެއާއި އެކު އެއްބައިވެފައިކަން ފާހަގަކޮށްލަން. މިއީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ވެސް ފެނުގެ ދަތިކަން ކުރިމަތިވާތީ، އެކަން ހުއްޓުވުމަށްޓަކައި ހިންގާ މަސައްކަތެއް!
ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން މަލްޓިލޭޓަރަލް ދާއިރާއިން ހޯދި ކުރިއެރުންތަކުން ރާއްޖެއިން ހިތްވަރު ލިބިގަންނަ ކަމަށެވެ.