ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "އައުޓާ ބޭންކްސް" ގެ ތިން ވަނަ ސީޒަންގެ ޓީޒާ އެއް އާންމުކޮށްފިއެވެ.

އައުޓާ ބޭންކްސް ސީޒަން ދޭއް ވަނީ މިދިޔަ ޖުލައި މަހު ނެޓްފްލިކްސްގައި ސްޓްރީމްކޮށްފައެވެ. އެ ސީޒަނަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ދެން އިންތިޒާރުކުރެވުނީ އާ ސީޒަނެއް ނެރޭނެ އިރަކަށެވެ. އެ ސުވާލުގެ ޖަވާބު ވެސް އައުޓާ ބޭންކްސްގެ ޓީމުން މިހާރު ވަނީ ދީފައެވެ. މި ސީރީޒްގެ ތިން ވަނަ ސީޒަން އަންނަ އަހަރު ރިލީޒްކުރާނެ ކަން ކަށަވަރުވެފައި ވީނަމަވެސް ސީޒަން ސްޓްރީމްކުރާނީ އަންނަ އަހަރު ކިހާ ހިސާބެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ތިން ވަނަ ސީޒަން ސްޓްރީމްކުރާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށެވެ.

ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

މި ސީރީޒްގައި ހިމެނޭ މައިގަނޑު ތަރިންނަކީ މެޑްލީން ކްލައިން (ސާރާ)، ޗޭސް ސްޓޯކްސް (ޖޯން ބީ)، ރޫޑީ ޕެންކޯ (ޖޭޖޭ)، މެޑިސަން ބެއިލީ (ކީ) އަދި ޖޯނަތަން ޑޭވިސް (ޕޯޕް) އެވެ. މި ހުރިހާ ތަރިންނެއްވެސް މި ސީޒަނުގައި ހަރަކާތްތެރިވާނެއެވެ.