ހަނިމާދޫ އެއާޕޯޓަކީ މާލޭން ބޭރުގައި ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓު ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މާދަމާގެ ވަގުތެއްގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބައެއް މީޑިއާ އަށް މައުލޫމާތު ދީފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ދެ ބިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކުރަނީ، ރާއްޖޭގައި ފްލެޓް އެޅުން ފަދަ އެކި މަޝްރޫއުތައް ހިންގަމުންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑަށެވެ.
އެ މަޝްރޫއުގެ ދަށުން:
- ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ ރަންވޭ އެއް ގާއިމްކުރާނެ
- އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް އިމާރާތް ކުރާނެ
- އިތުރު ވަސީލަތްތައް ވެސް ގާއިމްކުރާނެ
އެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ބޯއިން 737 އާއި އެއާބަސް އޭ-320 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫން ހިދުމަތް ދެވޭނެ ކަމަށާއި، މެދުއިރުމަތީގެ އިތުރުން، އިރުމަތީ އެފްރިކާގެ ގައުމުތަކާއި ހަނިމާދުއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބިގެން ދާނެ ކަމަށް، އިކޮނޮމިކް މިނިސްޓްރީން އޭރު ބުންޏެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ ސަބަބުން، ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ މާލޭން ބޭރު ރަށެއްގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓެވެ.
ސަރުކާރުން ބުނާ ގޮތުގައި، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިމިގެން ދާއިރު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އެތަނުގައި ހުންނާނީ ގާއިމްކުރެވިފައެވެ. އަދި އަމާޒަކީ 2024 ނިމެންވާއިރަށް އެއާޕޯޓުގެ މަޝްރޫއު ނިންމާލުން ކަމަށް، ސަރުކާރުން އޭރު ބުންޏެވެ.
އަމީރު ޖީބަށް ކަޓު.