ހުޅުލެ ފަރަށް އެރި "އެމްވީ ޗެން" ކިޔާ ނަމަކަށް ކިޔާ ބޯޓެއް 3 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން އިން ބުނީ "އެމްވީ ޗެން" (IMO No.:9579963) ނަމަކަށް ކިޔާ އުޅަނދު ހުޅުލޭގެ ފަރަށް މިމަހު 2 ވަނަ ދުވަހު އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރަކާއެކު، މިމަހު 10 ވަނަ ދުވަހު އެ އުޅަނދު ފަރަށް އެރި ސަރަޙައްދަށް ގޮސް ޖޮއިންޓް ސާވޭއެއް ކޮށްފައިވަ ކަމަށެވެ.

އީޕީއޭއިން ކުރިއަށް ގެންދިޔަ މި ޖޮއިންޓް ސާވޭއިން ފަރުގައި އެ އުޅަނދު ޖެހިފައިވާތީވެ، ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެއެޖެންސީން ބުނެއެވެ.

މިގޮތުން، ހުޅުލޭގެ ފަރަށް ލިބިފައިވާ ގެއްލުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބެލިބެލުމުން ޖޫރިމަނާއަށް ކަނޑައެޅިފައިވާ އަދަދަކީ 365,000 ރުފިޔާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، މި އުޅަނދު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅުނު 365,000 ރުފިޔާ ޖޫރިމަނާގެ ފައިސާ، އެ އެޖެންސީއިން ދަންނަވާފައިވާ ގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް މިމަހު 13 ވަނަ ދުވަހު އެ އުޅަނދުގެ ލޯކަލް އެޖެންޓް (ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑް) ގެ ފަރާތުން ދައްކާފައިވާ ކަމަށެވެ.