އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކަނޑައެޅި އަދަބު ބޮޑު ކަމަށް ބުނެ، އޭނާގެ އަދަބު ލުއިކުރަން ހައިކޯޓަށް ދާން ޕީޖީން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި ރަފީއުގެ މައްޗަށް މިއަދު އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ވަނީ އިއްވައިފައެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތަށް ބެލުމަށް ފަހު، އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި 28 ދުވަހެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ޕީޖީ އޮފީހުން ބުނީ، ރަފީއުގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފުކުރަން ނިންމީ އަދަބުގެ މިންވަރު ބޮޑުވުމުން ކަމަށެވެ. ދައުލަތުން އެދުނީ އޭނާ އަށް ހަތް މަހުގެ ހުކުމެއް އިއްވައިދިނުމަށެވެ.

ކްރިމިނަލް ކޯޓުން ރަފީއުގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ވާ އުސޫލުގެ ދަށުން ފަނޑިޔާރަށް އަދަބު ބޮޑުކުރުމަށް ލިބޭ އިހްތިޔާރުންނެވެ.

އެ މައްސަލައިގައި އަލަމްގީރަށް ވެސް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އޭނާ އާ އެކު ގުޅުން ހިންގި ގާނޫނީ ވަކީލު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ތިން މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ވަނީ ހުކުމްކޮށްފައެވެ.