ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 30 އަށް ވުރެ ގިނަ ދަތުރުފުޅު ކުރެއްވި ނަމަވެސް، އެ ދަތުރުފުޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ނުފެންނަ ކަމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިއުވާން ވިދާޅުވީ، ރައީސްކަން ކުރައްވާ ބޭފުޅަކު ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވުމަށާއި، މަޝްރޫއުތައް ކުރިއަށްދާ ގޮތް ބެއްލެވުން ފަދަ ކަންކަމަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އިތުރުން، ބޭރު ގައުމުތަކުގައި ބާއްވާ އެކި ބައްދަލުވުންތަކަށާއި، އެ ގައުމުތަކުން ދައުވަތު އަރުވައިގެން ރަސްމީ ދަތުރުފުޅުތައް ވެސް ރައީސްކަން ކުރައްވާ ބޭފުޅަކު ކުރައްވަން ޖެހިވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ދަތުރުނުކޮށް އެއްވެސް ރައްޔިތުންގެ ހާލު ނުބައްލަވައި ހަމައެކަނި ރައީސް އޮފީހުގަ ހުންނަވާ ބޭފުޅެއްގެ ގޮތުގަ ދެކުން އެއީ އަޅުގަނޑަށް ހީވަނީ ގޯހެއްހެން. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ހުންނަވާ ބޭފުޅަކު ދަތުރުފުޅު ކުރައްވާނެ."

"ދެން ކުރައްވާއިރު، ހަރަދުތަކެއް ދާނެ އެކަމުގަ." ސެކިއުރިޓީ އާއި، ރައީސާ އެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ހަރަދުތައް ހިނގާނެކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުތަކަކީ ބަޖެޓު ކުރެވިފައިވާ ދަތުރުފުޅުތަކެކެވެ.

އެއާއެކު، ޔާމީން ކުރެއްވި ދަތުރުފުޅުތަކުގެ ބައެއް ތަފްސީލު ވެސް މިއަދު ވަނީ ނޫސްވެރިންނަށް އަރުވައިފައެވެ، ޔާމީން ކުރެއްވި ދަތުރުފުޅުތަކަށް ބަލާލާއިރު:

  • 2014 ގައި ސިންގަޕޫރަށް ހަ ދަތުރުފުޅެއް (ޖުމްލަ ނުވަ ދަތުރުފުޅު)
  • ސައުދީ އަރަބިއްޔާ އަށް ހަ ދަތުރުފުޅު
  • މެލޭޝިއާ އަށް ހަތަރު ދަތުރުފުޅު
  • ޗައިނާ، އިންޑިއާ (ކޮންމެ ގައުމަކަށް ތިން ދަތުރުފުޅު)
  • ސްރީލަންކާ (ދެ ދަތުރުފުޅު)
  • ޕާކިސްތާން، ޖަޕާން، ތައިލެންޑް، ނޭޕާލް (ކޮންމެ ގައުމަކަށް ދަތުރުފުޅެއް)

އެގޮތަށް 30 އަށް ވުރެ ގިނަ ދަތުރުފުޅު ޔާމީން ކުރައްވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް، ޔާމީން ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާ އެހާ ރަނގަޅު ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެ ދަތުރުފުޅުތަކުގެ ނަތީޖާ އަކީ ރައްޔިތުންނަށް ލިބުނީ ކޮން ފައިދާ އެއްތޯ، ރައްޔިތުންނަށް އޭގެ ސަބަބުން ކުރީ ކޮން ކަހަލަ ފައިދާތަކެއްތޯ، ނުވަތަ ރައްޔިތުންނަށް ލިބުނީ ކޮން އެއްޗެއްތޯ. އަޅުގަނޑުމެންނަށް ފެންނަން އެ ހުރީ، އޭގެ ނަތީޖާ މާ ރަނގަޅު ކަމަކަށް އަޅުގަނޑުމެންނަކަށް ނެތް ފެންނާކަށެެއް."

ނަމަވެސް، ރައީސްގެ ދަތުރުފުޅުތަކުން ނަތީޖާ ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މިއުވާން ވިދާޅުވީ، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދޭދޭ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ރާއްޖެ މިއަދު އޮތް ހިސާބަށް އާދެވުނީ ރައީސް ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އެކަމަކު ރައީސް މިހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.