މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށުން ހިންގަމުން އައި 13 އައިސްޕްލާންޓެއް ހިންގަން، ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

މި އައިސްޕްލާންޓްތައް ހަވާލު ކުރުމަށް ވަނީ، ފެނަކަ ކޯޕާރޭޝަންގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު އާއި ފެނަކައިގެ ޗެއާޕާމަން މުހައްމަދު ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާގައި 13 އައިސްޕްލާންޓް ހަވާލު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ އައިސްޕްލާންޓް ތަކުގެ ތަޅުދަނޑި ވަނީ ފެނަކައާ ހަވާލު ކޮށްފައެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ މަސްވެރިންނަށް ފަސޭހަ ކަމާއެކު އައިސް ލިބޭނެ ގޮތް ހެދުމަށް "ފެނަކަ އައިސް" މޯބައިލް އެޕްލިކޭޝަން ވެސް ލޯންޗް ކޮށްފައެވެ.

އެ ކުންފުންޏާ ހަވާލުކުރި 13 އައިސްޕްލާންޓުގެ ތެރެއިން އޮޕަރޭޝަންގައި ހުރީ 11 އައިސްޕްލާންޓެވެ. އޮޕަރޭޝަންގައި ނެތް 2 ތަން މަރާމާތަށް ފަހު ވީހާވެސް އަވަހަށް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ފެނަކަ އެމްޑީ ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު އެ އައިސްޕަލާންޓްތަކުން ހިދުމަތް ދޭ އިރު 24 ގަޑިއިރު މަސްވެރިންނަށް އައިސް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި ހަަރަދު ކުޑަކޮށް އެ މަސައްކަތް ކުރުމަށް ފެނަކައިގެ ކޭބަލް ނެޓްވޯކާ ގުޅާލަން ނިންމާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން އެ އައިސްޕަލާންޓްތަކުގެ ތެރެއިން މިވަގުތު ސޯލާ ޕެނަލް ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިފްކޯ އައިސްޕަލާންޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ އެމްޑީ، އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ މަސައްކަތުގެ 70 ޕަސެންޓު މަސައްކަތަކީ ތެލުން ހިންގާ އޮޕަރޭޝަން ކަމަށް ވުމާއެކު އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުން އެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި މަސްވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ، ތެލަށް އަންނަ ބަދަލާއެކު މިފްކޯއަށް ވަރަށް ބޮޑެތި ގޮންޖެހުންތާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން ފެނަކައިން ޒަމާނީ އިންޖީނުގެތަކަށް ގެންނަ ބަދަލުތަކާއެކު މިފްކޯއިން އައިސްޕްލާންޓުތައް ހިންގުމަށްވުރެ މާ ރަނގަޅަށް އެކަން ފެނަކައިން ކުރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ޖަނެރޭޓަރު ހިންގައިގެން އައިސްޕްލާންޓުތައް އޮޕަރޭޓް ކުރުމަށް ވުރެ، ފެނަކަ އިންޖީނުގެއާ ގުޅާލެވިއްޖެއްޔާ މަސްވެރިންނަށް ވެސް މިއަށް ވުރެ ރަނގަޅު ހިދުމަތެއް ނުހުއްޓި ދެވިގެންދާނެ ކަމަށް ގަބޫލުރާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ 13 އައިސްޕަލާންޓް ހަވާލުކޮށްފައި ވަނީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނާ ވެސް އެކުގައެވެ. މިފްކޯ އިން ފެނަކަޔަށް ހަވާލުކުރި 13 އައިސް ޕްލާންޓަކީ ހއ. އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ، ސ.ހިތަދޫގައި ހުރި އައިސްޕްލާންޓްތަކެވެ.