އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ކުންފުނި، ޓްރަމްޕް އޯގަނައިޒޭޝަނުން މާލީ މަންފާ ހޯދުމަށް މަކަރު ހަދާ އޮޅުވާލައިފައި ވާ ކަމަށް ބުނެ ނިއުޔޯކް އޭޖީ އިން އޭނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ނިއުޔޯކް އެޓާނީ ޖެނެރަލް ވިދާޅުވީ، ލޯނު ހޯދުން ފަސޭހަ ކުރުމަށާއި، ދައްކަން ޖެހޭ ޓެކްސްގެ އަދަދު މަދުކުރުމުގެ އިތުރުން މާލީ ގިނަ މަންފާތައް ހޯއްދެވުމަށް ޓްރަމްޕް ވަނީ ޓެކްހާއި، ލިބޭ އާމްދަނީގެ ހިސާބުތަކުގެ އިތުރުން އޭނާގެ އާއިލީ ޕްރޮޕަޓީސް ނުވަތަ މިލްކިއްޔާތާ ގުޅޭ ގޮތުންވެސް އޮޅުވާލައްވާފައި ކަމަށެވެ. އަދި އެކަމުގައި އޭނާގެ އާއިލީ ކުންފުނިން 200 އެތައް ދޮގެއް ހަދާ ނުވަތަ އޮޅުވާލައިފައި ވާކަން ފާހަގަ ކުރެވޭ ކަމަށްވެސް އޭޖީ ވިދާޅުވެއެވެ.

ނިއުޔޯކްގެ އޭޖީ، ޖޭމްސް ޓްރަމްޕާއި އާއިލާ އާ ދެކޮޅަށް އުފުލާ ދައުވާގެ މައިގަނޑު ބިނާ ކޮށްފައި ވަނީ ނިއުޔޯކްގައި ޓްރަމްޕް ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އެ ސްޓޭޓުން ރިއަލްއެސްޓޭޓް އުސޫލުން ގެދޮރާއި އިމާރާތް ގަތުން ޓްރަންޕަށް ފަސް އަހަރަށް މަނާ ކުރުމާއި 250 މިލިއަން ޑޮލަރު ދެއްކުމަށް އެންގުމެވެ.

އެ ދައުވާގައިި އިތުރަށް ބުނެފައި ވަނީ، ޓްރަމްގެ ދަރިން ބޭނުން ކުރައްވައިގެން، އާއިލާ ކުންފުންޏަށް ލިބޭ ޖުމްލަ އާމްދަނީ ބިލިއަން ބިލިއަން ޑޮލަރުން މަތިކޮށް އަދި ދަށްކޮށް ހަދާފައި ވާ ކަމަށާއި އެކަން ކޮށްފައި ވަނީ ފަސޭހައިން ލޯނާއި އިންޝުއަރޭންސް ހޯދުމުގެ އިތުރުން މަދުން ޓެކްސް ދެއްކުމުގެ ބޭނުމުގައި ކަމަށެވެ.

"ކުރުކޮށް ބުނާނަމަ، އެ ހުރިހާ ކަމެއް ކޮށްފައި ވަނީ އޭނާ މާލީ މަންފާ ހޯދުމަށް"
ޖޭމްސް

ޖޭމްސް އިތުރަށް ވިދާޅުވީ، ޓްރަމްޕް މަކަރާއި ހީލަތް ހައްދަވާ އޮޅުވާލައްވައިފައި ވާ މައްސަލައިގައި ޖިނާއީ ތަހުގީގު ހިންގައި ދިނުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓަށްވެސް ހުށަހަޅުއްވާނެ ކަމަށެވެ.

މި މައްސަލައިގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ ގޯސް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، އޭނާ ވިޔަފާރި ހިންގަވާ ގޮތް ބަލާ، ހަދަނީ އިދިކޮޅު ޑިމޮކްރެޓުން ހިންގާ ސިޔާސީ ކުޅިގަނޑެއްގެ ތެރެއިން ކަމަށެވެ. ނިއުޔޯކްގެ އޭޖީ އަކީ ޑިމޮކްރެޓެކެވެ.

އެމެރިކާގެ ރައީސް ކަމުން ޓްރަމްޕް ފައިބާ ވަޑައިގެންނެވި ފަހުން މިއީ ޓްރަމްޕާ ދެކޮޅަށް އުފުލާ އެންމެ ބޮޑު ދައުވާއެވެ. ހަބަރުތައް ބުނާ ގޮތުން، އެމެރިކާގެ އޭޖީ ޓްރަމްޕާ ދެކޮޅަށް ތަހުގީގު ހިންގާތާ މިހާރު 3 އަހަރު ވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ ލޯޔަރުން ބުނެފައި ވަނީ، ނިއުޔޯކް އޭޖީގެ މުޅި ދައުވާ ބިނާ ކޮށްފައި ވަނީ އޭނާގެ ސިޔާސީ ކެރިއަރު ކުރިއެރުވުމަށް ކަަމށާއި، އެމެރިކާގައި ހަދާފައި ހުރި ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް އޭނާ ހިތާފައި ނުވާކަމަށެވެ.

ނިއުޔޯކްގައި ހުންނަ ޓްރަމްޕް ޓަވާ

ޓްރަމްޕް މަކަރު ހައްދަވާފައި ވާ ކަމަށް އޭޖީ ޖޭމްސް ތުހުމަތު ކުރައްވާ ހާމަ ކުރެއްވި ބައެއް ތަންތަނުގެ ތެރޭގައި ނިއުޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގެ އެޕާޓުމަންޓެއްގެ އަގު 327 މިލިއަން ޑޮލަރަށް ޖަހާފައި ވުން ފާހަގަ ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުން، އެ ޓަވަރު މިހާތަނަށް ވިކިފައިވާ އެންމެ މަތީ އަގަކީ ވެސް 16.5 މިލިއަން ޑޮލަރެވެ.

ހަމަ އެގޮތަށް ދާދިފަހުން އެފްބީއައިއިން ރެއިޑް ކޮށް (ވަދެގަނެ) އެތައް ހާސް ސިއްރު ލިޔެކިޔުމެއް ގެންދިޔަ، ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓް މާރް-އެ-ލާގޯ ގެ އަގަކީ ގާތްގަނޑަކަށް 75 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް އެތާނގެ އަގުކަމަށް ޓްރަމްޕް އޯގަނައިޒޭޝަނުން ޖަހާފައި އޮތީ 739 މިލިއަން ޑޮލަރު ކަމަށެވެ. އެ ރިސޯޓުން އަހަރެއްގެ މައްޗަށް ނެރެވޭ އާމްދަނީ އަކީ 25 މިލިއަން ޑޮލަރެވެ.