ހަމާސްގެ އަތްދަށުގައި ދިރި ތިބި އަދި މަރުވެފައި ވާ ރަހީނުން ވަގުތުން އިޒްރޭލާ ހަވާލު ކުރުމަށާއި ނުކޮށްފި ނަމަ ހަމާސް އެއްކޮށް ނައްތާލާނެ ކަމަށް ވިދާޅުވެ ފަހުގެ އިންޒާރު ދެއްވައިފިއެވެ.
ޓްރަމްޕްގެ ޓްރުތް ސޯޝަލްގައި ލިޔުއްވި ބަޔާނެއްގައި ވަނީ، ރަހީނުން މިނިވަން ކުރުމާ ގުޅޭ ގޮތުން އެމެރިކާއިން ސީދާ ހަމާސް އާ މިހާރު ވާހަކަ ދައްކަމުން ގެންދާ ކަމަށާއި، ލަހެއް ފަހެއް ނެތި އެންމެން ދޫކޮށް ލުމަށާއި އެކަން ނުކޮށްފި ނަމަ މަރާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އަދި އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމު ކުރިއަށް ގެންގޮސް ނިންމަން ބޭނުންވާ ހުރިހާ ބާރަކާއި ހަތިޔާރަކާއި އެހީތެރިކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމެރިކާ އިން މީގެ ކުރިން ވަނީ ހަމާސް އާ ސީދާ ވާހަކަތައް ބާއްވާކަމަށް އިންކާރު ކޮށްފައެވެ. އެމީހުން ބޭރުފުށަށް ދައްކާ ގޮތުން އެމީހުނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައި ހުންނަ ޖަމާއަތްތަކާ ވާހަކަ ދައްކާ ބައެއް ނޫނެވެ. ނަމަވެސް ދާދި ފަހުން ސީރިއާގެ ސަރުކާރު ވައްޓާލި ޖަމާއަތަކީ ވެސް އެމެރިކާ އިން ޓެރަރިސްޓުން ކަމަށް ކަނޑައަޅާ ތިބެ އަސްކަރީ އެހީތެރިކަން ފޯރުކޮށް ދީގެން ސީރިއާގެ ވެރިކަން ވައްޓާލި ޖަމާއަތެވެ.
އިޒްރޭލުން ބުނާގޮތުން ހަމާސްގެ އަތްދަށުގައި އަދިވެސް 59 ރަހީނުން ވެއްޖެއެވެ. އޭގެ ތެރެއިން 24 މީހަކު ދިރި ތިބިކަން އިޒްރޭލުން ގަބޫލު ކުރެއެވެ.
ޓްރަމްޕްގެ އިންޒާރު ހަމާސް އަށް މި އައި ވަގުތަކީ، ގާޒާ ހުސްކޮށް އެތާނގައި 'ދުނިޔަވީ މީހުންނަށް' ޓަރްމްޕް ގާޒާ ހައްދަވާނެ ކަމަށް އޭނާ އިއުލާން ކުރެއްވުމާއެކު އެކަމާ އިހުތިތާޖު ކުރުމުގެ ގޮތުން އަރަބި ލީގުން ދެކޮޅުހަދާ، ގާޒާ އާރާސްތު ކުރުމަށް 53 ބިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރަން އެއްބަސްވެފައި ވަނިކޮށެވެ. ޓްރަމްޕްގެ ޕެލޭނަށް ތާއީދު ނުކުރާނެ ކަމަށާއި ހައްލަކީ ފަލަސްތީނުގެ ދައުލަތް ގާއިމު ކޮށްދިނުން ކަމަށް ވެސް ލީޑަރުން ވަނީ ބުނެފައެވެ.
ހަމަ އެހެންމެ މި ވަގުތަކީ އިޒްރޭލާއި ހަމާސް އާ ދެމެދު ވެފައި ވާ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެ ގާޒާއަށް ބޭނުންވާ އެހީގެ ޓްރަކްތައް ގާޒާ އަށް ވަނަ ނުދީ އިޒްރޭލުން ހުއްޓުވުމުގެ އިތުރުން ދޭތެރެ ދޭތެރެ އިން ހަމަލާއެއް ފޮނުވާލައި ވަގުތެއް ވެސް މެއެވެ. ހުސްވި ހަފްތާގައި އިޒްރޭލުން ދިން މިފަދަ ހަމަލާއެއްގައި ގާޒާއިން 4 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލުން ގެންދަނީ ޖަރީމާތައް ހިންގަމުންނެވެ. އެގޮތުން އެތަން މިތަނަށް ހަމަލާ ދީ އެތައްބަޔަކު ވަނީ މަރާލާފައެވެ.
އިޒްރޭލުން ގާޒާ އެއްކޮށް ހިފަން ބޭނުންވާ އިރު ޓްރަމްޕް ގެ ވިސްނުންފުޅު އެއަށް ވުރެ އަދި މާ ނުރައްކަލެވެ. ޓްރަމްޕްގެ ވިސްނުންފުޅަކީ ގާޒާގައި ތިބި ހުރިހާ މުސްލިމުން އެތަނުން ބާލައި ޓްރަމްޕްގެ ރިސޯޓަކަށް ގާޒާ ހަދާށެވެ.