އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ޝްރިވަސްތާވް 58، މަރުވެއްޖެއެވެ.

އާންމުންގެ މެދުގައި ލޯތްބާއި މަގްބޫލުކަން ހޯދާފައިވާ ރާޖޫ މަރުވީ މިދިޔަ މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އިއްޔެ ހެނދުނެވެ. ނިއު ދިއްލީގެ އެއިމްސް ހޮސްޕިޓަލުގައި މިދިޔަ މަހު ރާޖޫ އެޑްމިޓްކުރީ ޖިމުގައި ކަސްރަތުކުރަން ހުއްޓާ ކުއްލި ގޮތަކަށް ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭރު އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ. ވެންޓިލޭޓަރުގައި ބާއްވައިގެން އޭނާއަށް ފަރުވާދެމުން އައިސް މި މަހުގެ ކުރީކޮޅު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށިގެއެވެ. ނަމަވެސް އޭނާގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށީ މި ހަފްތާ ފެށުނުއިރުއެވެ.

ރާޖޫ މަރުވުމާއެކު އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުން އަންނައިރު އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ވަނީ ރާޖޫގެ އާއިލާ އަށް ތައުޒިއާގެ މެސެޖެއްވެސް ރައްދުކޮށްފައެވެ. އޭގެ އިތުރުން ދިއްލީގެ ޗީފް މިނިސްޓަރު ވެސް ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔާފައެވެ. ހަމައެއާއެކު ބޮލީވުޑްގެ އޭ ލިސްޓު ތަރިންވެސް ވަނީ ރާޖޫ މަރުވުމުން ހިތާމަފާޅުކޮށް އެމީހުންގެ މެސެޖުތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

ރާޖޫ މަރުވިއިރު ދުނިޔޭގައި އޭނާގެ އަނބިމީހާ އާއި ދެ ކުދިން އެބަތިއްބެވެ. ގިނަ އަދަދެއްގެ ކޮމެޑީ ޝޯތަކުން ރާޖޫ ފެންނައިރު އޭނާގެ ފަހު ފެނިލުން ފެނިގެންދިޔައީ ސޮނީ ޓީވީއިން ގެނެސްދިން "އިންޑިއާސް ލާފްޓާ ޗެލެންޖު" ގައި މެހެމާނެއްގެ ގޮތުގައެވެ. އޭނާއަކީ ބޮލީވުޑް ފިލްމުތަކުގައި ހަރަކާތްތެރިވާ މީހެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޝާހްރުކްހާން، ޝިލްޕާ ޝެޓީ އަދި ކާޖޮލް އާއެކު ކުޅުނު ފިލްމު "ބާޒީގަރް"އެވެ.