10 ޓަނު މަހާއެކު މަސް ދޯންޏެއް ފަރަކަށް އަރައިފިއެވެ.

ފ. އަތޮޅި އިމިތީ ފަރަށް އަރާފައި ވަނީ ކ. ގާފަރު ހުދަންބަރު 12 ދޯންޏެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގާފަރު ކައުންސިލްގެ ނައިބު ރައީސް ހަނީފް ޒާހިރު ވިދާޅުވީ އެ ދޯނިން އާންމުކޮށް މަހަށް ދަނީ 16 މީހުން ކަމަށް އެހެން ނަަމަވެސް އެ ދޯނީގައި މިހާރު ތިބި މީހުންގެ އަދަދު ނޭނގޭ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ އެވަގުތު ދޯނީގައި ތިބީ 12 މީހުން ކަމަށެވެ.

އެ ދޯނި ފަރަށް އެރީ މަސް ބާނައިގެން މާލެ އަންނަނިކޮށް ކަމަށާއި އެ ދޯނީގައި ތިބި ދެ މީހަކަށް އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހަނީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެންވެސް މަސައްކަތް ކުރަނީ ދޯނި ކައިރީގައި ކަމަށާއި ބެލެވޭ ގޮތުގައި މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހަނީފް ވިދާޅުވިއެވެ.

އެ ދޯނީގައި ގާތްގަނޑަކަށް 10 ޓަނުގެ މަސް ހުރި ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް އިތުރު ތަފްސީލް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މަސްވެރިކަން ކުރަމުންދިޔަ ދޯނި އެރީ ފ. ހިމިތި ކަނޑުގެ ދެކުނުފަރާތު ކަންމަތީ ފަރަކަށް ކަމަށާއި އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޮމާންޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.