މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަތަލާ ސޯނަމް ކަޕޫރަށް ފިރިހެން ކުއްޖެއް ލިބުނުއިރު ކުއްޖާ އަށް އެއްމަސްވުމުން ކުއްޖާއަށް ނަންކިޔައިފިއެވެ.

އިއްޔެ ސޯނަމްގެ ދަރިފުޅަށް އެއް މަސްފުރުމުގެ މުނާސަބާތުގައި ސޯނަމް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ދަރިފުޅަށް ކީ ނަން އާންމުންނަށް ހާމަކޮށްފައެވެ. ދަރިފުޅުގެ ނަމަކީ ވަޔޫއެވެ. ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އާއި ދެމަފިރިންގެ އަލަތު ދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ސޯނަމް ބުނީ ވަޔޫ އަކީ އެމީހުންގެ ކުޑަ ދިރިއުޅުން ފުރިހަމަކޮށްދިން ބާރު ކަމަށެވެ.

އަދި ވަޔޫގެ ނަމުގެ މާނައަކީ ވަރަށް ސްޕްރިޗުއަލް މާނައެއް ހިމެނޭ ނަމެއް ކަމަށެވެ. ވަޔޫ އަށް އެއް މަސްވިކަން ފާހަގަކުރުމުގެ ގޮތުން ސޯނަމްގެ ކުޑަ އާއިލާ އިން ވަނީ ކޭކެއްވެސް ފަޅާފައެވެ. އަދި އެ އާއިލާ އަށް އާންމުންދޭ ލޯތްބާއި ތަރުހީބަށް ސޯނަމް ވަނީ އޭނާގެ ޕޯސްޓުގައި ޝުކުރުއަދާކޮށްފައެވެ.

ބަތަލާ ސޯނަމް އާއި އާނަންދު އަހޫޖާ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހުގައެވެ. ދެމީހުންގެ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބޭއްވިއިރު އެ ހަފްލާގައި ބޮލީވުޑްގެ އޭ ލިސްޓު ތަރިންނާއި ބޮލީވުޑް ލެޖެންޑުން ވެސް ބައިވެރިވިއެވެ.

ސޯނަމް އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ނުކުތް ފިލްމު "ޒޯޔާ ފެކްޓާ" އިންނެވެ. އެ ފިލްމަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ސޯނަމް އަކީ ބޮލީވުޑްގެ ތަރި އަނިލް ކަޕޫރުގެ ދޮށީ ދަރިފުޅެވެ.