އެންޓިކޮރަޕްޝަން ކޮމިޝަނުގައި ފުރަތަމަ ފަހަރަށް ފޮރެންސިކް ސާވިސް އާއި މޮނިޓަރިން އެންޑް އިވެލުވޭޝަންގެ މަސައްކަތް ވަކިން އުފައްދައި އެކުލަވާލި ކޮމިޝަނުގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށައިފިއެވެ.
އޭސީސީން ބުނީ، މިދިޔަ މާޗްމަހު ކޮމިޝަނުގެ މެންބަރު ކަމާ ހަވާލުވި މެންބަރުންގެ ހާއްސަ އިސްނެގުމުގެ މަތިން ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަހިވާނެގޮތަށް އަލަށް އެކުލަވާލާއި އަމަލުކުރަން ފެށި އާ އޮނިގަނޑަށް ހިޖުރަކުރުމަށް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނާއެކު މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އާ އޮނިގަނޑުގެ ދަށުން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ ތަފްސީލް މި ބައްދަލުވުމުގައި މުވައްޒަފުންނާއި ހިއްސާކޮށް، ކުރިން ކޮމިޝަނުގައި މަސައްކަތް ކުރަމުން އައި ޔުނިޓްތަކުގެ ބަދަލުގައި އާ އޮނުގަނޑާއެކު އުފެއްދި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނަށް މަގާމުގެ ލިއުން ވެސް މިއަދު ވަނީ ހަވާލުކޮށްފައި ކަމަށް އޭސީސީން ބުނެއެވެ.
މި ބައްދަލުވުމުގައި އޭސީސީގެ ފޮރިންސިކް ސާވިސް އިފްތިތާހުކޮށް ދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއް ސަލާމްއެވެ.
އަލަށް އުފައްދާފައިވާ އިންވެސްޓިގޭޝަން ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަހްގީގު ކުރުމަށް ކޮމިޝަނުގެ މެންބަރުން ނިންމާ މައްސަލަތަށް ތަހުގީގު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމެވެ. އަދި މައްސަލައިގެ ތަހުގީގު ރިޕޯޓް އެކުލަވާލައި މެންބަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ދައިވާކުރަން ފޮނުވަން ޖެހޭނަމަ އެކަން ފުރިހަމަ ކުރުމެވެ.
އަލަށް އުފެއްދި މޮނިޓަރިން އެންޑް އިވެލުއޭޝަން ސެކްޝަންގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި މައްސަލަތަކާއި ކޮމިޝަނުން ހަދާ ދިރާސާތަކާއި، އެސެސްމަންޓްތަކާ ގުޅިގެންނާއި ކޮމިޝަނުން ތަހްގީގުކޮށް ނިންމާ މައްސަލަތަކާ ގުޅިގެން ކޮމިޝަނުން އަންގާ އެންގުންތަކަށާއި ދޭލަފަޔާއި އިރުޝާދުތައް ތަންފީޒުކުރަން އަންގާ ކަންތައްތަކާ އެއްގޮތަށް އެ އިދާރާތަކުން އަމަލުކުރަމުން ދޭތޯ ބެލުމެވެ. އަދި އެ ކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ ލިޔެކިއުމާއި ރެކޯޑް ބެލެހެއްޓުން ހިމެނެއެވެ.
މިބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކި ވާހަކައިގައި ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ފަހިކޮށްދޭ ގޮތަށް ހިންގުމުގެ ނިޒާމު ބައްޓަން ކުރެވިގެން މިއަދު ދިއުމުން މިދުވަސް އޭސީސީގެ ތާރީހުގައި ފާހަގަކޮށްލެވޭނެ މުހިންމު ދުވަހަކަށް ވެގެންގެންދާނެ ކަން ވަނީ ފާހަގަކުރައްވާފައެވެ. ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތަކަށް ގެނައި ބަދަލުތަކާއެކު އިތުރު ކުރިއެރުންތަކެއް ލިބިގެންދާ އިރު ދެން ގެންނަންޖެހޭ ބަދަލުތަކާއި ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ކޮމިޝަނުން ގެންނަމުންދާނެ ކަމުގެ ޔަގީންކަން މެންބަރުން ވަނީ ދެއްވާފައެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އާ އިދާރީ އޮނިގަނޑަކީ ގާނޫނުއަސާސީންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް، އެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މަގަށް ކޮމިޝަން ބައްޓަންކުރުމަށް ބޭނުންވާ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ އިދާރީ އޮނިގަޑެކެވެ.