އެހެން ޕާޓީތަކުގެ އިންތިހާބުތަކުގައި ބައިވެރިވުމަށް، އެމްއާރުއެމުން ވަކިނުވުމަށް އެ ޕާޓީން އެދިއްޖެއެވެ.

އެމްއާރުއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް އެ ޕާޓީން ކެނޑެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.

އެހެންވެ، އެ ޕާޓީން ވަކި ނުވުމަށް މެންބަރުންގެ ގާތު ވަނީ އެދިފައެވެ.

އެ ޕާޓީ އާ އިތުރު މެންބަރުން ގުޅުމަށް އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީން ބުންޏެވެ.

ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް އެހެން ޕާޓީތަކަށް ވަގުތީ ގޮތުން ބަދަލުވުމަކީ އަބަދު ވެސް އޮންނަ ކަމެކެވެ. އެ މައްސަލައިގައި ބައެއް ސިޔާސީ ޕާޓީތަކުން ޝަކުވާ ވެސް ކޮށްފައިވެއެވެ.

މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން އުފެއްދި އެމްއާރުއެމްގައި މި ވަގުތު 3،155 މެންބަރުން އެބަ ތިއްބެވެ.