ޖަލުގައި ކުއްލި ގޮތަކަށް މަރުވި މ. މުލީ ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު މަރުވާން ދިމާވި ސަބަބުތައް ބައްލަވާ، މަރުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނު ލީޑަރާއި ހުރިހާ މެންބަރުންގެ ނަމުގައި ނަޝީދުގެ އާއިލާއަށް ވަނީ ތައުޒިޔާ ކިޔާފައެވެ.
ޕީޕީއެމްއިން ބުނީ ކުއްލި ގޮތަކަށް ނޭވާ ނުލެވި ޖަލުގައި މަރުވި ނަޝީދު މަރުވުމުގެ ކުރިން އޭނާގެ ނޭވާއަށް އުނދަގޫ ވާކަން ޖަލުގެ އޮފިސަރުންނާއި ހިއްސާ ކުރުމުންވެސް އެކަމުގައި ފަރުވާ ކުޑަކޮށް އެކަށިގެންވާ ފަރުވާ ދީފައި ނުވާ ކަމާއި އަދި ތަކުރާރުކޮށް އަނިޔާ ކުރާކަމުގެ ޝަކުވާ ނަޝީދުގެ ލޯޔަރުންނަށް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި މަރުގެ ހަގީގަތް ހާމަކުރުމަށާއި އެ ކަމުގައި އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށްވެސް އިދިކޮޅުން ގޮވާލައެެވެ.
ނަޝީދަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 11 މީހުންގެ ތެރެއިން މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އެކަކެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ނަޝީދު މަރުވެފައިވާއިރު އޭނާ މީގެ ކުރިން ޝަރީއަތުގެ އަޑުއެހުމެއްގައި ވަނީ ބޮލުގެ އެއްފަޅި އައްސިވާ ކަމަށާއި ކަންފަތުގައި ލޯވަޅެއް ހެދި ކަންފަތުން ލޭ އަންނަ ކަމަށް ބުނެފައެވެ. އަދި ޑޮކްޓަރަށް ދެއްކި ނަމަވެސް އެދެވިގެންވާ ފަރުވާ ނުލިބޭ ކަމަށް ވެސް ވަނީ ބުނެފައެވެ.