ތިލަމާލެ ބްރިޖް ސާވޭ މަސައްކަތުގައި ކޮޅު ކޮޅަށް ދުއްވާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުން ބެލުމަށް ހަދަމުން ދިޔަ ސާވޭ ނިންމާލައި ރިޕޯޓްވެސް ތައްޔާރުކޮށް ނިމިއްޖެ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އީޕީއޭއިން ބުނީ، މިހާރު އެ ރިޕޯޓް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެ ރިޕޯޓް ވަނީ ތިލަ މާލެ ބްރިކް މަޝްރޫއާ ހަވާލުވެ މަސައްކަތް ކުރަމުންދާ ކުންފުނި ކަމަށް ވާ އެފްކޯންސްއާ ހަވާލުކޮށްފައި ކަމަށެވެ. އެއީ އެ ރިޕޯޓަށް ޖަވާބުދާރީ ވުމަށް އެފްކޯންސް ކުންފުންޏަށް ދޭން ޖެހޭ ފުރުސަތެއް ކަމަށް އީޕީއޭއިން ބުނެއެވެ. އެ ރިޕޯޓަށް އެފްކޯންސް އިން ޖަވާބުދާރީ ވުމުން އެރިޕޯޓާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

ނަމަވެސް ރިޕޯޓުގައި ފާހަގަ ކުރި މައްސަލަތަކެއް އީޕީއޭއަކުން ނުބުނެއެވެ.

ބްރިޖްގެ މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް ފަރަށް އެރިތާ ގިނަ ދުވަސްތަކެއް ވީއިރު ޕްލެޓްފޯމް ނުނަގާ ފަރުމަތީ ރާޅާ ޖެހިޖެހި އޮތެވެ. އޭރު ޕްލެޓްފޯމް ނުނެގި ލަސްވީ އޭގެ އެއް ފައި ފަރަށް ވަދެ ތާށިވެފައި ވުމުން ކަމަށާއި ޓޯވް ކޮށްގެން ޕްލެޓްފޯމް ނަގައިފި ނަމަ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުންޏެވެ. އަދި އެ ޕްލެޓްފޯމް ނެގުމުގައި މޫސުން ތަން ނުދޭތީ ލަސްތަކެއް ވެފައިވާ ކަމަށް ވެސް މަޝްރޫއާ ހަވާލުވެ ހުރި ކުންފުނި އެފްކޯންސް އިން ބުންޏެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނެގި އިރު އެ ފަރަށް ބޮޑެތި ގެއްލުން ވެފައި ވާއިރު، ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރެވެ. ގުޅިފަޅު ހިއްކުމާއި ބްރިޖް މަސްރޫއުގެ ސަބަބުން ނޭދެވޭ އެތައް އަސަރެއް އެ ފަރަށް ފޯރަމުންދާ ކަން މީގެ ކުރިންވެސް އޮތީ ފާހަގަވެފައެވެ.

އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ޑައިވަރުން ބޭނުން ކޮށްގެން އެ ސަރަހައްދުގެ ފަރު ބަލައި ދިރާސާ ކޮށްފައެވެ. ރީފް އެސެސްމަންޓް ހެދުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޯޓީތައް އީޕީއޭއިން ހިއްސާކޮށްފައިވާ އިރު، އެ ފޮޓޯތަކުން ފެންނަނީ ފަރުގައި ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައިވާ މަންޒަރެވެ. އެތަނުން ވަޅުގަނޑެއްގެ ތެރެއަށް ޑައިވަރެއް ވަދެ ހުރި އިރު އެ ވަޅުގަނޑު އެމީހާގެ އިސްކޮޅަށް ވުރެ ފުން ކޮށް ހުރި ތަން ފެންނަން ހުއްޓެވެ.

ފަރަށް ލިބުނު ގެއްލުމުގެ ވާހަކަތައް ހިއްސާ ކުރަމުން މީގެ ކުރިން އީޕީއޭ އިން ބުނެފައި ވަނީ، ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް ހެދި އެސެސްމަންޓްތަކުން ފެންނަ ގޮތުގައި އެ ޕްލެޓްފޯމްގެ ފައިތައް ފަރުގައި ޖެހިފައި ހުރި ތަންތަނުގައި ވަޅުގަނޑުތަކެއް ހެދިފައި ވާ ކަމަށާއި ފަރުގެ އޮނިގަނޑު ވަނީ ހަލާކުވެފައި ކަމަށެވެ. މީގެ އިތުރުން ފަރުމަތީގައި އެއްޗެހި ދަމާފައި ހުރުމުންނާއި އަދި އެއްކޮޅުން އަނެއްކޮޅަށް ޕްލެޓްފޯމް ދުވެ ރާޅާ އެކީ ފަރުމަތީ ޖެހިޖެހި ގެން ވެސް ގެއްލުން ވެފައި ހުރި ކަމަށާއި މުރަކަތައް ބިނދިފައި ހުރި ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ހެދި އީއައިއޭ ރިޕޯޓުގައި ވެސް ގެއްލުންތައް ލިބޭނެ ކަމަށާއި އަދި ގެއްލުން ލިބޭނެ ސަރަހައްދުތައް ވަނީ ފާހަގަ ކޮށްފައެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާ އިރު އެ ސަރަހައްދުތަކަށް ލިބޭނެ ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށާއި އެ ސަރަހައްދުން ބޭރަށް ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދަން އީޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް ވިލިމާލެ ފަރަށް ޕްލެޓްފޯމް އަރައި އެ ފަރަށް ގެއްލުން ތަކެއް ލިބިފައިވާ އިރު، އެއީ ބްރިޖްގެ މަސައްކަތުން ގެއްލުން ވާނެ ކަމަށް އީއައިއޭގައި ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައިވާ ފަރެއް ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

މި މައްސަލައިގައި އެފްކޯންސްއަކީ އިންޑިއާ ކުންފުންޏަކަށް ވީތީ އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތެއް ނުގެންގުލޭނަން ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި އެ ކުންފުންޏާ މެދު ފިޔަވަޅު އަޅާނީ އީޕީއޭ އިން ކަމަސ ްވެސް ސަރުކާރުން ވަނީ ބުނެފައެވެ.