ދުނިޔޭގެ މުޅި ނިޒާމަށް ލޮޅުން ގެނުވި، ކޮވިޑްގެ ކޭސްތައް ބޮޑުތަނުން ދަށަށް ގޮސްފައި ވާ އިރު، އެ ބަލިމަޑުކަން ނިމުމަކަށް އަންނަތައް ފެނިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އަދި ހުއްޓާ ނުލުމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އެޑަނޮމް ގެބްރިއާސޫސް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، 2019 ވަނަ އަހަރު އުފަންވި ކޮވިޑްގައި 606 މިލިއަން މީހުން ބަލިވެ އެތައް މިލިއަން ބަޔަކު މަރުވެ ގޮސްފައި ވާއިރު، މިހާރު ފެންނަނީ އުންމީދީ ކުރިއެރުމެއް ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަދަދުތައް ދަށަށް ދާން ފަށާފައި ވާ ކަމަށާއި މިހާރު ކޮވިޑް ފެތުރޭ ނިސްބަތް ބޮޑުތަނުން މަދުވެ، އެ ބަލިމަޑުކަން ނިމުމަކަށް އަންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މިއީ ލިބިފައި ވާ ފުރުސަތެއް ކަމަށާއި މި ފުރުސަތުގައި ފަރުވާތެރިކަމާއެކު، ފިޔަވަޅުތައް ތަންފީޒު ކުރަމުން ގެންދިޔުމަށް ގޮވާލައްވާ އޭނާ ވިދާޅުވީ، ފަރުވާ ކުޑަކޮށްލައިފި ނަމަ، އާ ވޭރިއަންޓްތައް އުފަންވެ އިތުރަށް ގޮށްވެގެން ހިނގައިދާނެ ކަމަށެވެ.

މިއާއެކު ގައުމުތަކުން މިވަގުތަށް އަމަލުކުރަންވީ އިރުޝާދު ހިމެނޭ 6 ނުކުތާނެ ޕޮލިސީއެއް ވަނީ ނެރެފައެވެ. އެ ޕޮލިސީގައި މައިގަނޑުގޮތެއްގައި ބުނެފައި ވަނީ، އިތުރަށް ދިމާވެދާނެ ހާލަތަކަށް ބަލައި ކޮވިޑާ ގުޅިގެން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ނުވަތަ ގައުމުތަކުން ގެންގުޅޭ ޕޮލިސީތައް މުރާޖައާ ކޮށް ދެމެހެއްޓުމަށެވެ.

އަދި ގައުމުތަކުގެ ހައިރިސްކް ގްރޫޕުގައި ހިމެނޭ އެންމެނަށް ވެކްސިން ޖަހާ ވައިރަސް ފެތުރޭތޯ ސްކްރީނިން ކުރިއަށް ގެންދިޔުމަށްވެސް ގޮވާލާފައި ވެއެވެ.

ވެކްސިނާއި ތެރަޕީގެ ސަބަބުން، ވައިރަހުގެ ފެތުރުން ކޮންޓްރޯލް ކޮށް އަދި ވައިރަސް ހުއްޓަސް ހާލަތު އިތުރަށް ގޯސް ނުވެ ނުވަތަ ބޮޑުވަރު ނުވެ ހިފަހައްޓައެވެ.

ޑަބްލިއުއެޗްއޯން އިތުރަށް ބުނީ، ކޮވިޑް ވައިރަހުގެ ފަހުން އުފަންވި އޮމިކްރޯންގެ އިތުރު ވޭރިއަންޓްތައް، ނުވަތަ އިތުރު ސިފަތައް ލިބިފައިވާ އޮމިކްރޯން ވައިރަސް އަދިވެސް ފެތުރިދާނެ ކަމަށާއި ބޭހާއި، ސިއްހީ އާލާތްތަކުގެ އިތުރުން އެކަށީގެންވާ މިންވަރަށް ސިއްހީ އެހީތެރިން ތިބުން މުހިންމު މަށެވެ.

"އަހަރެމެން މި ބަލަނީ، އޮމިކްރޯންގެ އިތުރު ވޭރިއަންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކި ދުވަސްވަރު ފެތުރިދާނެ ކަމަށް، އެފަދަ ރާޅެއް އައުމަކީ އެކަށީގެންވާ ކަމެއް"

ކޮވިޑްގެ ބަލިމަޑުކަމަށް 2 އަހަރުވެގެން ދާއިރު، ދުނިޔެ މިހާރު ކުރިމަތިލައިފާ ވަނީ މަންކީޕޮކްސްގެ ނުރައްކަލާއެވެ. އާންމުކޮށް އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި ފެތުރޭ މި ބަލި ނުވަތަ ވައިރަސްވެސް ފެތުރުން މިހާރު މަޑުޖެހިފައި ވާ އިރު، މި ބައްޔަށް ދޭ ވެކްސިނާއެކު އެއްކޮށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯން ބުނެއެވެ.

ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިގެން ދިޔަ ކޮވިޑާއެކު، އިންސާނުންގެ އުމުރު ކުރުވެ، ތައުލީމީ ފުރުސަތުތަކުން މަހުރޫމްވެ ނުވަތަ ތައުލީމު ފުރިހަމަ ނުކުރާ ނިސްބަތް އިތުރުވެ އަދި އާމްދަނީ އަށް ބޮޑުތަނުން އަސަރު ކޮށްފައި ވާކަން ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް ގައި ފާހަގަ ކޮށްފައި ވެއެވެ. އެ ދިރާސާ ބުނާ ގޮތުން، މި ދާއިރާތަކުން ހޯދި ކުރިއެރުންތަށް މިހާރު ވަނީ 10-12 އަހަރު ފަހަތަށް ޖެހިފައެވެ.