ރާނީ އެލިޒަބަތު ދޭއް ގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ސޮއިކުރައްވައިފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަހުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި ރާނީ އަވަހާރަވީ އުމުރުފުޅުން 96 އަހަރުފުޅުގައެވެ.

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ އެ ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގައެވެ. އަދި އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި ބައިނަލްއަގްވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ހިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް ވަނީ ލިޔުއްވާފައެވެ.

ރައީސް އޮފީހުން ބުނީ އެ ބަޔާނުގައި ރައީސްގެ ދެކަނބަލުން މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހުތިރާމާއެކު ކަމަށާއި ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު 2 ވަނައާ މުގާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމުގައި ލިޔުއްވާފައިވާ ކަމަށެވެ.

މީގެއިތުރުން އެކަމަނާއަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ގައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުސަތު ދެއްވި ބޭކަނބަލެއްކަން އެ ބަޔާނުގައި ރައީސް ދެކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.