ކޮވިޑް-19 ގެ ދުވަސްވަރު ސިފައިން ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން "އިންސާނީ ހިދުމަތުގެ މެޑަލް-ކޮވިޑް19" ގެ ނަމުގައި މެޑަލެއް ދިނުމަށް ނިންމާފައިވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ސިފައިންނަށް 130 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިވެހި ސިފައިންނަކީ އަސްކަރީ ވާޖިބުތަކުގެ އިތުރުން، ބައިވަރު މަދަނީ ހިދުމަތްތަކެއް ވެސް ފޯރުކޮށްދޭ ބައެއް ކަމަށެވެ. އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • ދިވެހި މަސްކަނޑުތައް ހިމާޔަތްކުރުމާއި، މަސްވެރިން ހާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްދިނުން
  • ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުން
  • ވައިގެ މަގުންނާއި ކަނޑު މަގުން އެކި ތަންތަނަށް ބަލިމީހުން އުފުލައިދިނުން. އެގޮތުން މިދިޔަ އަހަރު އެކަނިވެސް، މެޑިކަލް އިވެކުއޭޝަންގެ 16921 އޮޕަރޭޝަނެއް ހިންގާފައިވޭ
  • އަލިފާނުގެ ހާދިސާތަކުން މީހުންގެ ފުރާނަ އާއި މުދަލާއި ގެދޮރު ސަލާމަތްކުރުން
  • އުދަ އާއި ވާރޭ ވެހިގެން ކުރިމަތިވާ ފެން ބޮޑުވުމުގެ ހާދިސާތަކުގައި، މީހުންގެ ފުރާނަ އާއި މުދަލާއި ގެދޮރު ސަލާމަތްކުރުން
ސިފައިންނަށް 130 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ޑިފެންސް މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

އެއަށްފަހު ރައީސް ފާހަގަކުރެއްވީ ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ސިފައިން ކުރި ބުރަ މަސައްކަތެވެ. ރައީސް ވިދާޅުވި ގޮތުގައި، އެއްވެސް ވަރުބަލިކަމެއް ނެތި ސިފައިން ވަނީ ވާޖިބު އަދާކޮށްފައެވެ. އެކަމަށްޓަކައި ރައީސް ވަނީ ސިފައިންނަށް ތައުރީފް ކުރައްވައިފައެވެ.

"އެ ހަރަކާތްތަކުގެ ލޮޖިސްޓިކް ގިނަ މަސައްކަތް ކޮށްދިނީ ސިފައިން. ބަލިމީހުން އެކަހެރިކޮށްގެން ބަލަހައްޓާނެ ފެސިލިޓީތައް ބިނާކޮށްދިނުމާއި، ކަރަންޓީނު ކުރަންޖެހޭ މީހުންނާއި، އެކަހެރި ކުރަންޖެހޭ މީހުން ބައިތިއްބާ ފެސިލިޓީތައް ހިންގުމުގައި ވެސް ސިފައިން އަދާކުރެއްވި ދައުރު، ދިވެހި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލުން ހިންގި ފްލޫ ކްލިނިކާއި، "ކޮވިޑް-19 ދިފާއު" ވެކްސިން ޕްރޮގްރާމަށް ސިފައިން ފޯރުކޮށްދިން އެހީތެރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސިފަސިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފަައިން ބައިވެރިވަނީ / ފޮޓޯ: ރައީސް އޮފިސް

އެމަނިކުފާނު ވިދާޅުވީ، ކޮވިޑުގެ ދުވަސްވަރު ސިފައިން ކޮށްދިން ހިދުމަތްތައް ބަޔާންކޮށްދޭން ވެސް ދަތި ކަމަށެވެ. އެހެންވެ، އެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، "އިންސާނީ ހިދުމަތުގެ މެޑަލް-ކޮވިޑް19" މެޑަލް ދިނުމަށް ވާނީ މީގެ ކުރިން ވެސް ނިންމާފައި ކަމަށް، ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މިހެން ދެންނެވިޔަސް، ކޯވިޑުގެ ތެރޭގައި ދިވެހި ސިފައިން ރައްޔިތުންނަށް ކޮށްދެއްވާފައިވަނީ، ބަޔާންނުކުރެވޭހާ ފުރިހަމަ އިންސާނީ ހިދުމަތެއް." ރައީސް ވިދާޅުވިއެވެ.