ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖްލިސް މެންބަރު ހުސައިން ފިރުޝާން އާއި، މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން އާއި، ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް އާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ، ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން، އަދި ކޯޒްވޭމަތިން، ހެވީ ވެހިކަލަށް ވެސް، ދަތުރުކުރެވޭ ފެންވަރަށް، މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް އަޅާ ކޯޒްވޭއަކީ، އޭގެ ސަބަބުން، ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހަތަކެއް، ހޯދައިދޭނެ ކޯޒްވޭއެއް ކަމަށެވެ. ކޯޒްވޭ މިހާރު ޕްލޭން ކުރެވިފައިވާ، މުއްދަތުގެ ތެރޭގައި ނިންމައި، ރައްޔިތުންނަށް ހިދުމަތް ލިބެން ފަށާ އިރު، މިހާރު ތަޖުރިބާ ކުރާ، ރަށް ގިރުމުގެ މައްސަލައަށް ވެސް، ހައްލު ލިބިގެންދާނެ ކަމަށް އެލްޓީސީސީން ބުނެއެވެ.

މި ކޯޒްވޭން ގުޅާލެވެނީ ޖުމްލަ 4 ރަށެވެ. އެއީ، ހޯޑެއްދުއާއި މަޑަވެއްޔާ ދޭތެރޭގައި އޮތް "ކަންނިގިލާ" އާއި، "ހާދޫ" ވެސް މި ކޯޒްވޭގައި ގުޅާލެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ދެރަށަކީ، އިގްތިސޯދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ވާތީ، މި ކޯޒްވޭ ވެގެންދާނީ، މަޑަވެއްޔަށް ވެސް އަދި ހޯނޑެއްދޫއަށް ވެސް ދިރުން ގެނުވާނެ ކޯޒްވޭ އެއް ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޒަމާނީ ކޯޒްވޭން، މި ދެ ރަށް ގުޅާލުމުން، ފަތުރުވެރިކަމަށް ވެސް، އާ ދިރުމެއް ލިބި، އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް މި ދެ ރަށަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ކޯޒްވ ގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން ހިމެނެއެވެ. މީގެ އިތުރުން ރެއިލިން އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.