އުރަމަތީ ކެންސަރު ނުވަތަ ބްރެސްޓް ކެންސަރަކީ ރާއްޖޭގައި ވެސް މިހާރު ބާރަށް އިރުރު ވަމުން އަންނަ ކެންސަރުގެ ބާވަތެކެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ އިންޓާނޭޝަނަލް އޭޖެންސީ ފޯ ކެންސާ ރީސާޗް އިން މިދިޔަ އަހަރު ހާމަ ކުރި ގޮތުގައި ރާއްޖޭގައި ޖެހޭ ކެންސަރުގެ ގާތްގަނޑަކަށް 73 ޕަސެންޓަކީ އުރަމަތީގެ ކެންސަރެވެ.

އެހެން ކަމުން މި ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރެވެން ހުރި ކަންތައްތައް ކުރަން ޖެހެއެވެ. އުރަމަތީ ކެންސަރު ހުރިކަން ނޭނގި ގިނަ ދުވަސް ވާވަރަކުން ރިއްސުންގަނޑު ބޮޑުވެ ޑޮކްޓަރަށް ދާ ފަހުން އެނގިގެން ދަނީ ކެންސަރުގެ ތިނެއް ނުވަތަ ހަތަރުވަނަ ސްޓޭޖުގައި ހުންނަ ކަމެވެ.

އުރަމަތީ ކެންސަރަކީ ކޮބާ؟

އުރަމަތީގައި ހުންނަ ސެލްސްތަކުން އުފެދޭ މި ކެންސަރު ދުނިޔޭގެ ކޮންމެ 8 އަންހެނަކުން އެކަކަށް ޖެހެއެވެ. އަދި ކޮންމެ 100 ފިރިހެނަކުން އެކަކަށް މި ކެންސަރު ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މި ބައްޔަކީ އެކަމަށް ސްކްރީން ކުރުމުން ބަލީގެ ވަރަށް ކުރީކޮޅުގައި ދެނެގަނެެވޭނެ ބައްޔެކެވެ. އަދި ކުރީކޮޅުގައި ބަލި ދެނަގަނެވުމުގެ ސަބަބުން އެކަމަށް ފަރުވާކުރަން ފަސޭހަވެ ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ޑަބްލިއުއެޗްއޯ އިން 2020 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނީ އުރަމަތީ ކެންސަރު ޖެހިގެން ރާއްޖެއިން 28 މީހުން މަރުވެފައި ވާ ކަމަށެވެ.

އުރަމަތީ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބު

  • އުމުރުން ދުވަސްވުން
  • އާއިލާގެ މެންބަރަކަށް އުރަމަތީ ކެންސަރު ޖެހިފައި ހުރުން (ޖެނެޓިކްސް)
  • އުމުރުން 12 އަހަރަށް ވުރެ ކުރިން ޕީރިއަޑް ވުން (ޕީރިއަޑްގެ މުއްދަތު އިތުރުވާވަރަކަށް ޗާންސް މަތިވޭ)
  • ކުރިން ކެންސަރު ބައްޔަށް ފަރުވާކޮށްފައި ހުރުން

މީގެ އިތުރުން ވެސް ޑްރަގްސް ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން ކަސްރަތު ކުރުން މަދުވުމުން މި ކެންސަރު ޖެހުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެން ދެއެވެ. އަދި މާބޮޑަށް މީހާގެ ބަރުދަން އިތުރު ވުމުގެ ސަބަބުން ވެސް އުރަމަތީ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. މި ކަންތައްތަކަކީ ތިމާގެ އަމިއްލަ އިހުތިޔާރުގައި ހުރި ކަންތައްތަކެވެ. ނުރައްކާ ބޮޑު މި ބަލިން ސަލާމަތް ވުމަށް އަވަހަށް މަސައްކަތް ފެށުން މުހިއްމެވެ.

އުރަމަތީ ކެންސަރުގެ އަލާމާތްތަކަކީ ކޮބާ؟

ގަނޑުލުން

އުރަމަތީ ކެންސަރުގެ އެންމެ އާންމު އެއް އަލާމާތަކީ ނުވަތަ އެންމެ ފުރަތަމަ ފެންނާނެ އަލާމާތަކީ އުރަމަތީގައި ގަނޑުލާފައި ހުރުމެވެ. އުރަމަތީގައި ހުންނަ ގަނޑުތައް މަޑުވެ ނުވަތަ ހަރުވެސް ވެދާނެއެވެ. ދުޅަވެފައި ހުންނަ ތަންތަންކޮޅު ހުންނަހެން ހީވާނަމަ ވީ އެންމެ އަވަހަށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުން މުހިއްމެވެ. ސަބަބަކީ ކެންސަރު ޖެހިފައި ހުރިކަން އަވަހަށް އެނގިއްޖެނަމަ ފަރުވާކުރަން ފަސޭހަވެ ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑުވުމެވެ.

ތަދުވުން

މައްސަރު ކަންތައްތައް ދިމާވުމުން އުރަމަތީގައި ރިއްސުމަކީ އާންމު ކަމެކެވެ. ނަމަވެސް ނުފިލާ ތަދެއް، ގިނަ ވެގެން ދެ ހަފްތާއަށް ހުންނަ ނަމަ ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.

އުރަމަތިން އެއްޗެހި ފޭބުން

މައިމީހާ ނޫނީ އެހެން އަންހެނުންގެ އުރަމަތިން ދޮސް ނޫނީ ފެން އެއްޗެހި ފައިބާނަމަ މިއީ ވިސްނާލަން ވީ ކަމެކެވެ. މިއީ ނުރައްކާ ސިގްނަލެކެވެ. ލަސްނުކޮށް ޑަކްޓަރެއްގެ އެހީ ހޯދައިގެން ފަރުވާ ކުރުން މުހިއްމެވެ.

މި ކަންތައްތަކުގެ އިތުރުން ވެސް އުރަމަތި ރަތްވެ އަބަދު ހިރުވާ އުޅުމާއި، ކުއްލިއަކަށް އުރަމަތި މާބޮޑަށް ބޮޑުވުމަކީ ވެސް އުރަމަތީ ކެންސަރުގެ އަލާމާތެކެވެ.

އުރަމައްޗަށް އަންނަ ބަދަލުތައް ބަލާނީ ކިހިނެއް؟

ރާއްޖޭގެ ކެންސާ ސޮއިސައިޓީން ހާމަކޮށްފައި ވާ މައުލޫމާތަށް ބަލާ އިރު، ކެންސަރަށް މަގުފަހިވާ ކަމެއް ހުރިތޯ އުރަމަތި ބަލާނެ ގޮތްތަކަކީ؛

އޮށޯވެއޮތުން

ކަނާތު ކޮނޑުދޮށަށް ބާލީހެއްލާފައި، ކަނާއަތް ބޯ ދަށަށް ލާށެވެ. އަތުގެ އިނގިލިތަކުން ކުދި ވައްބުރު ތަކެއް އަޅަމުން މަތިން ތިރިއަށް އުރަމަތީގައި އެއްކޮށް އުނގުޅާށެވެ. އަދި އަތް އުނގުޅާއިރު މަޑުން، އަދި މެދުމިނަށް އަދި ބާރަށް ފިއްތަމުން އުނގުޅަމުން ގެންދާށެވެ. ކަނާއަތު އުރަމަތި ނިމުމުން ވާތު އުރަމަތި ހަމަ އެގޮތަށް ޗެކް ކުރާށެވެ.

ލޯގަނޑު ކުރިމަތީ ހުރެގެން

އުުރަމަތީގެ ބޮޑު ކުޑަމިނަށް ނުވަތަ ސިފަ އަށް ބަދަލެއް އައިސްފައި ވޭތޯ ބަލާށެވެ. އަދި ހަންގަނޑަށާއި އަދި އުރަމަތީގެ ކޮޅު (ވައްގަނޑު) ގައި ބިހިގަނޑެއް ނުވަތަ އެއްޗެއް ހުރޭތޯ ބަލާށެވެ. މިގޮތަށް އުރަމަތި ޗެކްކުރާނީ؛

  • ދެއަތް ގަޔާ ކައިރި ކޮށްލާފައި ބެހެއްޓުމަށް ފަހު
  • ދެ އަތް ބޯމައްޗަށް ނެގުމަށް ފަހު
  • ދެ އަތް އުނަގަނޑުގައި ބާރަށް ވިއްދުމަށް ފަހު
  • ކުރިމައްޗަށް ގުދުވުމަށް ފަހު

ކެންސާ ސޮސައިޓީ އިން ބުނީ އުރަމަތީ ކެންސަރު ޖެހުމުގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ އަވަހަށް ފަރުވާ ލިބުމުން ރަނގަޅުވާ މިންވަރު 90 ޕަސެންޓް އިން އިތުރުވެގެންދާ ކަމަށެވެ. އަދި އުމުރުން 20 އަހަރު ވުމުން ކޮންމެ ތިން އަހަރަކުން އެއްފަހަރު އުރަމަތީގެ ޗެކަޕެއް ހެދުން މުހިއްމު ކަމަށާއި އުމުރުން 40 އަހަރު ވުމުން އުރަމަތީގެ ޗެކަޕް ކޮންމެ އަހަރަކު އެއްފަހަރު ހެދުން މުހިއްމު ކަމަށެވެ.