ދުވަސް ވެފައި ތިބޭ މީހުންގެ މޫނުމަތީގައި ހުންނަ ރޫތައް ފަސޭހައިން ފިލުވާލަދޭ ކޮސްމެޓިކްސް ގެ ގޮތުގައި ބޭނުން ކުރާ "ޑައިސްޕޯޓް" ގެ ފޭކް ބެޗްތަކެއް ދައުރުވަމުންދާ ކަމުގެ އެލާޓެއް ޑަބްލިއުއެޗްއޯ އިން ނެރެފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) ބުނީ، ޑަބްލިއުއެޗްއޯ އިން އެލާޓް ކޮށްފައިވާ "ޑައިސްޕޯޓް" އަކީ ސަވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސް އަށް (،މޫނު މަތީގައި ޖެހޭ ރޫ ފިލުވުމަށް) ބޭނުން ކުރާ ކޮސްމެޓިކްސް ބްރޭންޑެއް ކަމަށެވެ. މިއީ މޫނުގައި ޖެހޭ ރޫތައް ފިލުވުމަށް ޖަހާ އިންޖެކްޝަނެކެވެ. ހާއްސަކޮށް ދެ ބުމަ ދޭތެރެއާއި ތުންފަތާއި ނޭފަތަ ދެމެދުގައި ލާ ރޫތައް ފިލުވުމަށް މި އިންޖެކްޝަން ޖަހައެވެ.

ޑްބްލިއުއެޗްއޯއިން ނުރުނު އެލާޓުގައިވާ ގޮތުގައި، ޔޫރަޕާއި، އިރުމަތީ މެޑިޓެރޭނިއަންގެ ފަސް ގައުމެއްގައި ޑައިސްޕޯޓްގެ ފޭކް ބެޗް މިހާރު ދައުރުވަމުން އެބަ ދެއެވެ. އެގޮތުން މި އަހަރު ތެރޭ ތުރުކީވިލާތާއި، ކުވެއިތާއި، ޔޫކޭ އަދި ޕޮލެންޑުން މި ފޭކް ބެޗްތައް ފެނިފައިވާ ކަަމަށް ވެސް ޑަބްލިއުއެޗްއޯގެ އެލާޓްގައި ބަޔާން ކޮށްފައި ވެއެވެ.

ޑައިސްޕޯޓް އިންޖެކްޝަންގެ ފޭކް ބެޗްތަކުގެ މައުލޫމާތު

މި ބޭހަކީ ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރެއިން ޕްރީ އޮތޮރައިޒޭޝަން ނަގައިގެން އެތެރެ ކުރެވޭ ބޭހެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. ނަމަވެސް މިހާތަނަށް މި ބޭސް އެގޮތަށް އެތެރެކޮށްފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ރާއްޖެއިން ލިބެން ނުހުންނަ މި ބޭސް ރާއްޖެއިން ބޭރުން ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއްަށް މި ބޭސް އެތެރެކޮށް ބޭނުން ކުރާ ނަމަ އޭގެ ބެޗް ނަންބަރު ޔޫ14534 އާއި ޔޫ05804 އާއި ޔޫ01975 އާއި ޔޫ12523 އަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ޑައިސްޕޯޓް އިންޖެކްޝަންގެ ފޭކް ބެޗްތަކުގެ މައުލޫމާތު

މި ބޭހާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް 7200321 އަށް ގުޅުމަށް ފަހު މައުލޫމާތު ހިއްސާ ކުރުމަށް އެމްއެފްޑީއޭ އިން ބުނެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އތެރެެ ކުރާ ބޭސްތައް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސް ކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.