ކެޔޮފަތް ދޮވެލައި އޭގެ މައްޗަށް ބަތް އަޅައިގެން ކެއުމަކީ މިހާރުވެސް އިންޑިއާ ގައި ވަރަށް އާންމު ކަމެކެވެ. ލަންކާގައިވެސް އެހީ ސަގާފަތުގެ ތެރޭގައި ހިމެނޭ އާދައެއް ނަމަވެސް، ތަހުޒީބާ އެކު އެއާދަ މިފަހުން އޮތީ އުވިދިޔުމުުގެ މަގުމަތީގައެވެ.

ނަމަވެސް މިހާރު އަނެއްކާ ކެޔޮފަތު ބަތްގަނޑު ވައިގައި ހިފައިގެން މިއުޅެނީ، ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ތަދުމަޑުކަމާ ހުރެ، ވީހާވެސް ހަރަދު ކުޑަކޮށް ކެއުން ބުއިމުގެ ކަންކަން ހަމަޖައްސަން އާއިލާއަކުން ކުރި ކަމަކުންނެވެ. އެމީހުން ބާޒާރަށް ގޮސް ތަރުކާރީއާއި، ފިޔައާއި އަލުއްވާއި އެނޫންވެސް ބޭނުންވާ ޒަރޫރީ އެތިކޮޅު ގަނެލައިގެން ގެއަށް ގޮސް ކައްކާ، ކެއުމަށް އިންސާފުކުރި ގޮތް ވީޑިއޯ ކޮށް ސޯޝަލްމީޑިއާ އަށް ލީއެވެ.

އެއްބަޔަކު ކެއުން ތައްޔާރު ކުރަމުން ދިޔަ އިރު އަނެއްބަޔަކު ދިޔައީ ކެޔޮފަތް ކަނޑާށެވެ. އެ ދޮވެލައި ސާފުކޮށްލައިގެން ނެރެ، ގޭ ފެންޑާގައި ފަރުލާލީއެވެ. ދެން ކެއްކި ބަތްތެލި ގެނެސް ފެތުރި ކެޔޮފަތުގެ މައްޗަށް އެއްކޮޅުން އަނެއް ކޮޅަށް އަޅާމ އެގެ މައްޗަށް ސޮސެޖާއި، އަލުއްވާއި، ފިޔައާއި، މިރުހާއި ދެން ރިހަގަނޑު އަޅާ ސުފުރާ ތައްޔާރު ކޮށްލީއެވެ.

އެ ސުފުރާމަތި ތައްޔާރު ކޮށްފައި އޮތީ، ފެންޑާގެ ތަޅުންމަތީގައި ކަމުން، ވަށައިގެން އާއިލާގެ އެންމެނަށް ތިބެވޭނެ ގޮތަށް ޖާގަ ހަދާފައި ހުއްޓެވެ. އެންމެންވެސް ތިބެން ޖެހެނީ އުޑަފައިންނެވެ. ދެން އަރާމުކޮށް ތިބެލުމަށް ބައެއް މީހުންގެ ފޯކޮޅު ދޮށަށް ލައްވާލާނެ ސްޕޮންޖްގަނޑެއް އޮތެވެ.

މި ވީޑިއޯތައް ސޮޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތައް ކަމަށްވާ ޓިކްޓޮކާއި ޔޫޓިއުބް ފަދަ ތަންތާނގައި ވައިރަލް ވެފައި ވާއިރު، ލަންކާގެ ގިނަ ބަޔަކު މިހާރު ދަނީ، އެ ގޮތަށް ކެއުންތައް ތައްޔާރު ކޮށް އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންގެ މެދުގައި އެ ޓްރެންޑް ހިންގަމުންނެވެ.

ރާއްޖޭގައި ވެސް މިޒާތުގެ ސަގާފީ ކޭންތައް ކުރީގައި ހަދައެވެ. މާލޫދު ކިޔުމާއި އެކިއެކި މުނާސަބަތާ ގުޅުވާ މަދު މަދުން ކޭންތައް ހެދިނަމަވެސް، މިހާރު އެއީ އާންމު ކަމެއް ނޫނެވެ. ކުރިން ބައެއް ރަށްރަށުގައި މުޅި ރައްޔިތު އެންމެނަށް ސުފުރާ ހަދާ ކާން ދެއެވެ. އަދި ކައިރި ބައެއް ރަށްރަށުންވެސް ކޭން ތައްޔާރު ކޮށްގެން ދަތުރުކޮށް އުޅެއެވެ.