ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރީކޮޅު އިއުލާން ކުރި ހައުސިން ގްރާންޓް ލިބޭ ފަރާތްތައް ބީއެމްއެލް އިން މިއަދު ހާމަކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުގެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅުމަށް ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދެވޭނެ ކަމަށެވެ.

މި ފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ފާހަނގަކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވުނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށް ކަމަށާއި މި ގޮތުން ލިބުނު ހުށަހެޅުންތައް ވަޒަންކުރުމަށް ފަހު ހައުސިން ގްރާންޓް ލިބޭ ފަރާތްތައް ހިވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހައުސިން ގްރާންޓް ލިބޭ ފަރާތްތަކަކީ:

  • ސުކޫން، ށ. ފުނަދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ޔުނިޓީ ސްޕޯޓްސް އެކަޑަމީ އިން
  • އީޝާ، ނ. ވެލިދޫ. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ވެލިދޫ ފިއުޗާ ފައުންޑޭޝަން އިން
  • ސަންހިޔާ، އދ. މާމިގިލި. ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން އިން

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ހައުސިން ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެއް ކަމަށެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިންގ ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން.
ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން

ހައުސިން ގްރާންޓް ތައާރަފް ކުރީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ކަމަށް ބީއެމްއެލް އިން ބުނެއެވެ.