ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ފުރަތަމަ ބައި ގަޑިއިރު އެކަމަނާ އަށް ހާއްސަކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަނާގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަވައިފައެވެ. އެއަށް ފަހު، ތައުޒިޔާގެ ބަސް ވިދާޅުވުމަށް ޕާލިމަންޓް ގްރޫޕްތަކުގެ ލީޑަރުންނަށް ފުރުސަތު ދެއްވިއެވެ. އެ ފުރުސަތުގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

"ދުނިޔޭގައި އެކުވެރިކަމާއި އެއްބައިވަންތަކަމާ ސުލްހަ ގާއިމްކުރުމަށް އެންމެ އިސް ރަމްޒެއް ގޮތުގައި ދެމިހުންނެވި އެކި ސިޔާސަތު ތަފާތު 15 ބޮޑުވަޒީރުންނާ އެކު އިނގިރޭސިވިލާތުގެ ސަރުކާރު ހިންގެވިއިރު ދެބަސްވެވަޑައިނުގެން، އިނގިރޭސިވިލާތުގައި ސުލްހަ ދެމެހެއްޓެވި. ރާނީ އެލިޒަބެތުގެ ރަނިކަމުގައި ދިވެހިރާއްޖެ އާއި އެތެރެވަރީގެ ގިނަ ގައުމުތައް އިސްތިއުމާރުގެ ކަސްތޮޅުތަކުން މިނިވަންވުމުގެ ފުރުސަތު ލިބިގެން ދިޔަ،"
މުހައްމަދު އަސްލަމް | އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީގެ ލީޑަރު އަސްލަމް ވާހަކަ ދައްކަވަނީ / ފޮޓޯ: މަޖިލިސް

އެއަށްފަހު ކޮމަންވެލްތު ގާއިމްވެ، އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ސަރުކާރުގެ ހޮސްޕިޓަލްތައް އެޅުމަށް އިނގިރޭސި ސަރުކާރުން އެހީތެރިވި
  • ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖެ އަށް ހިމާޔަތް ލިބުނު
  • އައްޑޫ ތަރައްގީ ކުރުމަށް އިސް ކަމެއް ދިން
މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ / ފޮޓޯ: މަޖިލިސް

އަސްލަމަށް ފަހު ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެ އަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައިފައެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި އެ ދުވަސްވަރު އަޅުގަނޑުމެންގެ ހާރިޖީ ކަންތައްތަކުގައި އެ ބޭފުޅުންގެ ހިމާޔަތްތެރިކަން ލިބިގެން ނުދިޔަ ނަމަ، އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބުނީސްކަން ވިސްނާލަން ޖެހޭ ދެވަނަ ބޮޑު ހަނގުރާމަ އާއި އަދި އޭގެ ކުރިން ވެސް،"
ގާސިމް އިބްރާހީމް | ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބެތު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަނދާން އާ ކުރައްވައިފައެވެ. އެއަށްފަހު ޝާހީ އާއިލާ އަށާއި ރަސްގެފާނު ޗާލްސް އަށް ތައުޒިޔާ ދަންނަވައި، އާދަމް ޝަރީފް ވަނީ އިނގިރޭސި ބަހުން ބަސްފުޅެއް ވިދާޅުވެފައެވެ.

"ރާނީ އެލިޒަބެތަކީ ދުނިޔޭގެ ގިނަ މީހުންނަށް މަންމައެއް ކަހަލަ މީހެއް. ވަރަށް ގިނަ މީހުން އަޅާލައްވައި ލޯބި ދެއްވި. އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމުގައި ސާބިތުކަމާ އެކު ހުންނެވި."

"ގައުމަށް އެކި ދަނޑިވަޅުތަކުގައި ވަގުުތު ދެއްވެވި، އަދި އެކަމަނާގެ ސަބަބުން ބައިވަރު ސިޔާސީ ލޯޑަރުންނަށް ހިތްވަރު ލިބުނު. ފާޑުކިއުމަކީ ރަނގަޅު ކަމެއް ކަން ދަސްކޮށްދެއްވި، ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދެއްވި.

ރާނީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ގައުމީ ދިދަ ވަނީ ބައި ދަނޑި އަށް ތިރިކޮށްފައެވެ.

މީގެ 50 އަހަރު ކުރިން ރާއްޖެ އަށް ރާނީ ތާރީހީ ދަތުރުފުޅެއް ކުރެއްވިއިރު، އޭރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހިމް ނާސިރެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހާރަވި އިރު، އެކަމަނާ އަކީ އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ކަމަނާއެވެ. ރާނީ އަވަހާރަވުމުން އެ ގައުމުގެ ރަސްކަމާ ހަވާލުވެޑައިގަތީ އެކަމަނާގެ ދޮށީ ދަރިކަލުން، އުމުރުފުޅުން 73 އަހަރުގެ ޗާލްސް 3 އެވެ.