މިދިޔަ އޮގަސްޓު މަހު ވަރީގެ 184 މައްސަލައެއް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 154 ވަރީގެ މައްސަލައެއް ހުށަހަޅާފައި ވާއިރު ވަރިވުމަށް 60 މައްސަލަ އަދި ވަރި ކުރުމަށް 31 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ވަރި ސާބިތުކުރުމަށް 62 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ވަރިއާމެދު ޝައްކުވެގެން އެއް މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ވަރިކުރުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 38 މައްސަލަ ނިމުނު އިރު 23 މައްސަލައެއް އަދި ނުނިމެއެވެ. ވަރިވުމަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި 85 މައްސަލަ ނިމުނުއިރު ކުރީ މަހުގެ ބާކީއާއެކު 88 މައްސަލަ އަދި ނުނިމެއެވެ.

ހަމައެހެންމެ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލަތކުގެ ތެރެއިން 80 މައްްސަލަ ނިމިފައިވާއިރު މި ބާވަތުގެ 20 މައްސަލަ އަދި ނުނިމޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނާ ކުޅޭ 18 މައްސަލައެއް މިދިޔަ މަހު ނިންމި އިރު އޭގެ ތެރޭގައި ހަޟާނަތުގެ އެއް މައްސަލަ އާއި ކުއްޖާ އިހުތިޔާރުކުރާ ފާރަތެއް ކަނޑައެޅުމުގެ 4 މައްސަލައާއި ނަސަބު ސާބިތުކުރުމުގެ އެއް މައްސަލައާއި ދަރިން ނުދެއްކުމުގެ 2 މައްސަލައިގެ އިތުރުން ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޯސްޓާކުރުމަށް އެއް މައްސަލަ އަދި ކުދިންގެ ހައްގުތައް ރައްކާތެރިކުރމުގެ އަމުރުގެ 9 މައްސަލަ ހިމެނެއެވެ.

ހަރަދުގެ މައްސަލަތަކަށް ބަލާއިރު މިބާވަތުގެ 16 މައްސަލައެއް ވަނީ މިދިޔަ މަހު ނިންމާފައެވެ. އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ 55 މައްސަލައެއް މިދިޔަ މަހު ނިންމާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.