އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2، ގެ ހަނދާނުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭޏްކަމުގެ ސުކޫތެއް ގެނެސްފިއެވެ.

މި ސުކޫތު ބާއްވާފައި ވަނީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ. އެގޮތުން ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ހުރިހާ މެންބަރުން ކޮޅަށް ތެދުވެ ވަޑައިގެން ސުކޫތުގައި ބައިވެރިވެލެއްވުމަށް އެދިލައްވާފައެވެ.

ކްއީން އެލިޒަބަތުގެ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިމަހު ނުވަ ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވައިފައިވާ ބޭފުޅެކެވެ.

ރާނީ ވަނީ މާޗު 13، 1972 ގައި ރާއްޖެއަށް ތާރީހީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. އިރުމަތީ އޭޝިއާއަށް ރާނީ ކުރެއްވި މަސްދުވަހުގެ ދަތުރުފުޅުގައި ރާނީ ރާއްޖެ ވަޑައިގެންނެވި އިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އިބްރާހިމް ނާސިރެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހާރަ ވި އިރު، ރާނީ އަކީ އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ކަމަނާއެވެ.

ރާނީ އަވަހާރަ ވުމުން ދެން ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސްއެވެ.