މާލެއިން ދެކުނުގެ އަތޮޅުތަކުގައި 700 އަށްވުރެ ގިނަ ގޭންގުސްޓާރުން ތިބި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިހާރު ލ.ގަމުގައި ކުރިއަށްދާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހުށައެޅި ޕްރެޒެންޓޭޝަނުގައި ބުނީ ދ، ތ. ލ. ގއ. ގދ. އަދި ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑު ސިޓީގައި 31 ގޭންގުގައި 100 ވުރެ ގިނަ ކުޑަކުދީން އުޅޭ ކަމަށެވެ.

އެ 31 ގޭންގުގެ ތެރެއިން 13 ގޭންގެއް ނިސްބަތް ވަނީ އައްޑޫ ސިޓީއަށް ކަމަށާއި ފުވައްމުލަކުގައި އަށް ގޭންގޭއް އޮންނަ ކަމަށް ފުލުހުން ބުނެއެވެ. އަދި ގދ. ތިނަދޫގައި ދެ ގޭންގެއް ގއ. ވިލިނގިލީގައި އެއް ގޭންގެއް އަދި ތ. ތިމަރަފުށީގައި ދެ ގޭންގު ހަރަކާތްތެރިވާއިރު ލ. ގަމުގައި ފަސް ގޭންގެއް ހަރަކާތްތެރިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 250 ގޭންގް ސްޓާރުން އުޅޭއިރު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 160 ގޭންގް ސްޓާރުން އުޅޭ ކަމަށެވެ. އަދި ގދ އަތޮޅުގައި 223 ގޭންގް ސްޓާރަކާއި ގއ، އަތޮޅުގައި 112 ގޭންގް ސްޓާރަކާއި ދ. އަތޮޅުގަ 15 ގޭންގް ސްޓާރެއް އަދި ތ. އަތޮޅުގައި 103 ގޭންގް ސްޓާރެއް އުޅޭ ކަަމަށެވެ.

މީގެ ކުރިން އއ. އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގައި ފުލުހުން ބުނީ 1990 އިން ފެށިގެން މިހާތަނަށް މާލޭގައި އެކަނި 44 ގޭންގެއް އުފެދި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ހިމެނޭ ކަމަށެވެ. އަދި އެ ގޭންގުތަކަށް ނިސްބަތްވާ 2،800 އަށް ވުރެ ގިނަ މީހުން ތިބި ކަން ހާމަ ކުރަމުން ފުލުހުން ވަނީ އޭގެ ތެރޭގައި އެކި ގްރޫޕުތަކަށް ނިސްބަތްވާ 60 ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުނެފައެވެ.