އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް 2 އަވަހާރަވުމާއެކު ނެޓްފިކްސް އިން ގެނެސްދޭ މަގްބޫލު ސީރީޒް "ދަ ކްރައުން"ގެ ޝޫޓިން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ރާނީ އެލިޒަބެތުގެ ހަޔާތުގެ މައްޗަށްް ބިނާކޮށް ގެނެސްދޭ މި ސީރީޒަކީ ޕީޓާ މޯގަން ޕްރޮޑިއުސްކޮށް އުފައްދާފައިވާ ސީރީޒެކެވެ. މި ސީރީޒްގެ ހަތަރު އެޕިސޯޑެއް އާންމުންނާ ހަމަހައަށް ގެނެސްދީފައިވާއިރު މީގެ ފަސް ވަނަ ސީޒަނެއް އަންނަ ނޮވެމްބަރު މަހު އާންމުންނާ ހަމައަށް އަންނާނެއެވެ. ހަވަނަ ސީޒަނަކީ މުޅި ސީރީޒްގެ އެންމެ ފަހު ސީޒަނެވެ. މި ސީޒަންގެ ޝޫޓިން މެދުކަނޑާލިކަން އިއުލާންކުރަމުން ޕީޓާ ބުނީ ޝޫޓިން މެދުކަނޑާލީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ އަށް ފެންނާތީ ކަމަށެވެ.

"ދަ ކްރައުން"އަކީ ރާނީ އެލިޒަބަތްގެ ހަޔާތުގެ އިތުރުން އިނގިރޭސި ޝާހީ އާއިލާގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒެކެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކުޅޭ މި ސީރީޒަކީ އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ސީރީޒެއްވެސްމެއެވެ. މި ސީރީޒްގެ ފަސްވަނަ ސީޒަނުން ފެނިގެންދާނީ ޕްރިންސް ޗާލްސް އާއި ޕްރިންސަސް އޮފް ވޭލްސް ޑަޔާނާގެ ވާހަކައެވެ. އަދި ސީޒަން ހަޔަކުން ފެނިގެންދާނީ ރާނީ އެލިޒަބެތުގެ ރަސްކަމުގެ ކުރީކޮޅު ހިނގާ ދިޔަ ހާދިސާ ތަކުގެ އިތުރުން ޕްރިންސަސް އޮފް ވޭލްސް ޑަޔާނާގެ މަރުގެ ހާދިސާއަށްފަހު ހިނގާދިޔަ ކަންތައްތަކެވެ.

"ދަ ކްރައުން"ގައި ރާނީ އެލިޒަބަތުގެ ރޯލު ކުޅެނީ އިމެލްޑާ ސްޓޯޓަންއެވެ. އަދި ޑަޔާނާގެ ބައި ކުޅޭނީ އެލިޒަބެތު ޑެބިކީއެވެ.

ރާނީ އެލިޒަބެތު އަވަހާރަވީ މިދިޔަ ބުރާސްފަތު ދުވަހުގައެވެ. އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބަތު އަވަހާރަ ވީ، ސިއްހީ ހާލުކޮޅު ގޯސްވެ ޑޮކްޓަރުންގެ ހާއްސަ ބެލުމުގެ ދަށުގައި ސްކޮޓްލޭންޑްގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައި އޮންނަވަނިކޮށެވެ. ރާނީ އެލިޒަބަތަކީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖު 1952 ވަނަ އަހަރު އަވަހާރަ ވުމުން ރަނިކަމާ ހަވާލުވެވަޑައިގެން އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފު އޮތް ރާނީއެވެ. އެކަމަނާ ރަނިކަމުގައި ހުންނަވާތާ މިހާރު 70 އަހަރު ވީއެވެ.