ތިލަމާލެ ބްރިޖް ސާވޭ މަސައްކަތުގައި ކޮޅު ކޮޅަށް ދުއްވާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުން ބެލުމަށް ހަދަމުން ސާވޭގައި ފަރުގައި ވަޅުގަނޑުތަކެއް ހެދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ޑައިވަރުން ބޭނުން ކޮށްގެން އެ ސަރަހައްދުގެ ފަރު ބަލައި ދިރާސާ ކޮށްފައެވެ. ރީފް އެސެސްމަންޓް ހެދުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޯޓީތައް އީޕީއޭއިން ހިއްސާކޮށްފައިވާ އިރު، އެ ފޮޓޯތަކުން ފެންނަނީ ފަރުގައި ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައިވާ މަންޒަރެވެ. އެތަނުން ވަޅުގަނޑެއްގެ ތެރެއަށް ޑައިވަރެއް ވަދެ ހުރި އިރު އެ ވަޅުގަނޑު އެމީހާގެ އިސްކޮޅަށް ވުރެ ފުން ކޮށް ހުރި ތަން ފެންނަން ހުއްޓެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބު ދެމުން އީޕީއޭ އިން ބުނީ، މިހާތަނަށް ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް ހެދި އެސެސްމަންޓްތަކުން ފެންނަ ގޮތުގައި އެ ޕްލެޓްފޯމްގެ ފައިތައް ފަރުގައި ޖެހިފައި ހުރި ތަންތަނުގައި ވަޅުގަނޑުތަކެއް ހެދިފައި ވާ ކަމަށާއި ފަރުގެ އޮނިގަނޑު ވަނީ ހަލާކުވެފައި ކަމަށެވެ. މީގެ އިތުރުން ފަރުމަތީގައި އެއްޗެހި ދަމާފައި ހުރުމުންނާއި އަދި އެއްކޮޅުން އަނެއްކޮޅަށް ޕްލެޓްފޯމް ދުވެ ރާޅާ އެކީ ފަރުމަތީ ޖެހިޖެހި ގެން ވެސް ގެއްލުން ވެފައި ހުރި ކަމަށް އީޕީއޭ އިން ބުނެއެވެ. އެގޮތުން މުރަކަތައް ބިނދިފައި ހުރި ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.
މާލެ، ވިލިމާލެ، ތިލަފުށީ، އަދި ގުޅީފަޅު ގުޅާލަދޭ ތިލަމާލެ ބްރިޖް މަޝްރޫ ކުރިއަށް ދާ އިރު މިފަދަ 2 ޕްލެޓްފޯމެއް އެކި ސަރަަހައްދުތަކުގައި އަޅާފައިވާ ކަން ފާހަގަ ކުރެވެއެވެ. މި މަސައްކަތް ކުރިއަށް ދާ އިރު ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބޭނެ ކަމަށް ކުރިންވެސް އީޕީއޭއިން ބުނެފައިވެއެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ހެދި އީއައިއޭ ރިޕޯޓުގައި ވެސް އެ ފަދަ ގެއްލުންތައް ލިބޭނެ ކަމަށާއި އަދި ލިބޭނެ ސަރަހައްދުތައް ފާހަގަކޮށްފައި ވާނެ ކަމަށް އީޕީއޭއިން ބުނެއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާ އިރު އެ ސަރަހައްދުތަކަށް ލިބޭނެ ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށާއި އެ ސަރަހައްދުން ބޭރަށް ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދަން އީޕީއޭއިން އޮތީ އިރުޝާދު ދީފައެވެ.
ވިލިމާލެ ފަރަށް ޕްލެޓްފޯމް އަރައި އެ ފަރަށް ގެއްލުން ތަކެއް ލިބިފައިވާ އިރު، އެއީ ބްރިޖްގެ މަސައްކަތުން ގެއްލުން ވާނެ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައިވާ ފަރެއް ކަމަށް އީޕީއޭއިން ބުނެއެވެ. މި މައްސަލައާ ގުޅިގެން ފިޔަވަޅު އެޅޭނީ އެސެސްމަންޓް ރިޕޯޓް ހަދައި ނިމުމުން ކަމަށާއި އެ ރިޕޯޓް ނިމެން އަދި ހަފްތާއެއް ހާ ދުވަސް ނަގާނެ ކަމަށް އީޕީއޭ އިން ބުނެއެވެ.
ބްރިޖްގެ މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް ފަރަށް އެރިތާ ގިނަ ދުވަސްތަކެއް ވީއިރު ޕްލެޓްފޯމް ނުނަގާ ފަރުމަތީ ރާޅާ ޖެހިޖެހި އޮތެވެ. އޭރު ޕްލެޓްފޯމް ނުނެގި ލަސްވީ އޭގެ އެއް ފައި ފަރަށް ވަދެ ތާށިވެފައި ވުމުން ކަމަށާއި ޓޯވް ކޮށްގެން ޕްލެޓްފޯމް ނަގައިފި ނަމަ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުންޏެވެ. އަދި އެ ޕްލެޓްފޯމް ނެގުމުގައި މޫސުން ތަން ނުދޭތީ ލަސްތަކެއް ވެފައިވާ ކަމަށް ވެސް މަޝްރޫއާ ހަވާލުވެ ހުރި ކުންފުނި އެފްކޯންސް އިން ބުންޏެވެ.
ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނެގި އިރު އެ ފަރަށް ބޮޑެތި ގެއްލުން ވެފައި ވާއިރު، ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރެވެ. ގުޅިފަޅު ހިއްކުމާއި ބްރިޖް މަސްރޫއުގެ ސަބަބުން ނޭދެވޭ އެތައް އަސަރެއް އެ ފަރަށް ފޯރަމުންދާ ކަން މީގެ ކުރިންވެސް އޮތީ ފާހަގަވެފައެވެ.
ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިމާލެ ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.
ޖޫރިމަނާ ކުރިއަސް އެ ގެއްލުން ރަނގަޅު ކުރެވޭނެތަ؟