ކައިވެންޏަށް 45 ދުވަސް ވީ ފަހުން ފިރިމީހާގެ ރުފިޔާކޮޅު ވަގަށް ނަގައިގެން ކުރީގެ ލޯބިވެރިޔާ އާއެކު އަނބިމީހާ ފިލައިފިއެވެ.

އިންޑިއާގެ ޕަޓްނާ ނައުބަތުޕޫރު ކިޔާ ރަށެއްގައި ދިރިއުޅެމުން އަންނަ ރާނީ ކުމާރީ އޭނާގެ ފިރިމީހާ ސަތްޔަނާންދު އާ ކައިވެނިކުރީ ދެ އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން އެކުގައި އުޅުމަށް ފަހުގައެވެ. މި ދެމީހުން ކައިވެންޏަށް ދެފަރާތުގެ އާއިލާ އިން ވެސް ނުގަބޫލުވި އިރު އެދެމީހުން ކައިވެނި ކުރީ އާއިލާގެ މީހުންނާ ޒުވާބުކޮށް ހަމަނުޖެހުން ހިންގުމަށް ފަހު ވަގަށެވެ.

ކައިވެންޏަށް ފަހު ދެމީހުން އެއްކޮށް އުޅޭތާ 45 ދުވަސް ވީ ރޭ ފިރިމީހާ ނިދާފައި އޮއްވާ ގޭގެ ތިޖޫރީ ފަޅާލުމަށް ފަހު 20،000 ރުޕީސް ނަގައި ގޭގައި ހުރި ހުރިހާ ގަހަނާތަކެއް ހިފައިގެން ރާނީ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއެކު ފިލާފައެވެ. ސަތްޔަނާންދަށް ހެނދުނު ހޭލައިގެން ބެލި އިރު ރާނީ އެއް ނެތެވެ. ގޭގެ ތިޖޫރީގައި ހުރި ފައިސާ ކޮޅާއި ގަހަނާތައް ވެސް ނެތެވެ. ދެން އޭނާއަަށް ހޭވެރިކަންވެ އެއީ ރާނީގެ ކަމެއްކަން ދެނެގަނެވި އަވަހަށް ފުލުސް އޮފީހަށް ހާޒިރުވެ ވަނީ ބަޔާންދީފައެވެ.

ސަތްޔަނާންދަން ބުނީ އޭނާ އާއި ރާނީ ގެ ގުޅުން ކުރިއަށް ގެންދިޔައީ ފޯނުން ކަމަށާއި މިދިޔަ އޭޕްރިލް މަހު ދެމީހުން ކައިވެނިކުރީ މައިންބަފައިންގެ ނުރުހުމުގައި ކަމަށެވެ. އަދި ކައިވެންޏަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ރާނީގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށުމުން އެކަމާ މެދު ސުވާލުކުރުމުން ބުނީ އޭނާ އާއެކު އުޅެން ބޭނުންނުވަނީ ކަމަށެވެ. ސަތްޔަނާންދަން ބުނީ އޭނާ އޮފީހުން އަންނައިރު ރާނީ އަބަދުވެސް އިންނަނީ ކޮންމެވެސް މީހަކަށް ގުޅައިގެން ކަމަށާއި ނުވަތަ އަބަދު ހީހީފައި މެސެޖުކުރަން ކަމަށެވެ. އަދި މެސެޖުކުރަނީ ކާކަށްތޯ ސުވާލުކުރުމުން ދޭ ޖަވާބަކީ ކުރީގެ ލޯބިވެރިޔާ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ކުރީގެ ލޯބިވެރިޔާ ގާތަށް ދިޔުމަށް ކަމަށްވެސް ރާނީ އޭނާ ގާތު ބުނި ކަމަށް ސަތްޔަނާންދަން ވަނީ ފުލުހުން ގާތު ބުނެފައެވެ.